Blogger Widgets

Friday, December 21, 2012

މަޑިކިލަނބުގެ މެދުގައި ފަނާވަމުންދާ ތަރި

ގުރަހެލިތަކާއި އަޅުގަނޑުމެންގެ ދުނިޔެ އެކުލެވިފައިވާ ގެލެކްސީ، މަޑިކިލަނބު ދިރާސާކުރާ ޢިލްމުވެރިން އަޅުގަނޑުމެންގެ ގެލެކްސީ މަޑިކިލަނބުގެ މެދު ދިރާސާކޮށް ލިބޭ މަޢުލޫމަތު އެއްކުރަމުން ގެންދާތާ ދުވަސްތަކެއްވެއްޖެއެވެ. މި މަޢުލޫމާތުތަކަކީ މި ކަޢުނު ވުޖޫދަށް އައުމުގެ މަޢުލޫމާތުގެ ބައެކެވެ. ހަވާއީގެ އޮބްސާވެޓޮރީގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ޓެލެސްކޯޕު، ޖެމިނީ ނޯތު ބޭނުންކޮށްގެން މެދުނުކެނޑި ކުރެވުނު ދިރާސަތަކުން އެއްކުރެވުނު މަޢުލޫމާތުތަކެކެވެ.
މި ޓެލެސްކޯޕުން ނެގި ފޮޓޯތަކުން މަޑިކިލަނބުގެ މެދުގައި މަރުވަމުންދާ ތަރިއަކާއެކު އޭގެ ވަށައިގެން ގޭހުގެ ބޮޑު ވިލާގަނޑެއް ހުރިކަމަށް ދައްކައެވެ. ސައިންޓިސްޓުން ޤަބޫލުކުރާގޮތުގައި މި ފޮޓޯތަކުގެ ސަބަބުން އަޅުގަނޑުމެންގެ ގެލެކްސީ، މަޑިކިލަނބު (މިލްކީވޭ) ގެ މެދު ހުސްކޮށް އޮންނަ އޮތުމާމެދު މުޅިން އާ ހޯދުންތަކެއް ހޯދޭނެއެވެ.
           މި މަރުވަމުންދާ ތަރިޔަށް ސައިންޓިސްޓުން ދީފައިވާ ނަމަކީ ARS8 އެވެ. ސައިންޓިސްޓުން ބުނަމުންދާގޮތުގައި ޖެމިނީ ނޯތު ޓެލެސްކޯޕް ބޭނުންކޮށްގެން ދިރާސާކުރެވުނު މަޑިލިކަނބުގެ މެދުގައި ޖަމާވެފައިވާ ގޭސްބޮނޑިއަކީ ނެތި ފަނާވަމުންދާ މިދެންނެވި ތަރީގެ ވަށައިގެން އެނބުރޭ އެއްޗެއްކަން މިހަރުވަނީ ކަށަވަރުކުރެވިފައެވެ. ދިރާސާތަކުން ފެންނަ ގޮތުގައި މަރުވަމުން މިދާ ތަރިއާއި ގޭހާއި ދުމާއި ކުނޑީގެ ވިލާގަނޑު ވަނީ ގާތްގަނޑަކަށް މަޑިކިލަނބުގެ މެދުގައެވެ.
             މި ތަރިއާމެދު މި ހޯދުނު ހޯދުންތަކަކީ މަޑިކިލަނބުގެ މެދާއި އޭގެ ޙަޤީޤަތާމެދު ދިރާސާކުރަމުން އައި ސައިންޓިސްޓުންނަށް ލިބުނު ކާމިޔާބީއެއްކަމުގައި ފާހަގަކުރެއެވެ. މި ތަރީގެ ސަބަބުން މަޑިކިލަނބުގެ މެދުގައި އުފެދިފައިވާ ގޭހުގެ ވިލާތަކާމެދު ކުރެވިފައިވާ ގިނަގުނަ ދިރާސާތަކުގެ އަލީގައި މަޑިކިލަނބުގެ މެދު ހުސްކޮށް އޮންނަ އޮތުމާމެދު ކުރެވޭ ދިރާސާތަކާއި ހޯދޭ ހޯދުންތަކަށް ކުރިއެރން އަންނާނެކަމަށް ޔަޤީންކރެވެއެވެ.
           ސައިންޓިސްޓުން ބުނާގޮތުންނަމަ މަޑިކިލަނބުގެ މެދަކީ ފަނާވަމުންދާ އަދި ވަރަށް ސަމާލުކަންދެވޭ ތަނެކެވެ. މިތަނުގެ މެދުގައި އަމިއްލައަށް އެނބުރެމުންދާ ގޭހުގެ ބޮޑު ވިލާގަނޑެއް އެގެ ޒާތުގައި ވަރަށް ހަލުވިކަމާއެކު އެނބުރެމުންދަނީ ބްލެކް ހޯލެއްގެއ ވަށައިގެންނެވެ. މި ބްލެކްހޯލަކީ ކައުނުގެ މިންތަކަށް ބަލާއިރު ވަރަށް ބޮޑު އެއްޗެކެވެ.

ބްލެކް ހޯލްއަކީ ތަރިއެއް މަރުވެ ފަނާވަމުންދާއިރު އެ ތަރީގެ ޒައްރާތަކުން ޖައްވުގެ ތެރޭގައި އުފެދޭ އަޑިނޭގޭ ބާގަނޑެކެވެ. ތަރި ފަނާވަމުންދިޔަނަމަވެސް އޭގެ ދަމާބާރު ދާނީ ގަދަވަމުންނެވެ. މިކަމުގެ ސަބަބުން އަލިވެސް އޭގެ ތެރެއަށް ދަމާގަނެއެވެ. އެއިން އަލިކަން ބޭރުނުވުމުގެ ސަބަބުން އެ ސަރަހައްދު ޖައްވުގެ ތެރޭގައި އޮންނާނީ ލޮލަށް ނުފެންނަ ކަޅު ބާގަނޑެއްހެންނެވެ.


ނާސާއިން ނަގާފައިމިވާ މި ފޮޓޯއިން ދައްކާދެނީ މި ފުޅާ ކައުނުގެ ތެރޭގައި ދައުރުވަމުންދާ އަލިގަދަ ތަރިއެކެވެ. ފަލަކީ ޢިލްމުވެރިން ބުނަގޮތުން ހުރިހައި ތަރިތަކަކީވެސް ވަރަށް ހަލުވިކަމާއެކު އޭގެ އަމިއްލަ އޯބިޓުގައި ދައުރުކުރަމުންދާ ތަކެއްޗެވެ. މީގެކުރިން ފަލަކީ ޢިލްމުވެރިން ލަފަކުރިގޮތުގައި ބައެއް ތަރިތަކަކީ ހުއްޓިހުންނަ ތަރިތަކެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި سورة يس ގެ 40 ވަނަ އާޔަތުގައި ވަޙީކުރައްވަފައިވަނީ ﴿ لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ وَكُلٌّ فِي فَلَكٍ يَسْبَحُونَ   މާނައަކީ " ހަނދު އަތުލައިގަތުމަކީ، އިރަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި ދުވާލަށްވުރެ ރޭގަނޑު ކުރިއަރައި ދާކަމަކަށްވެސް ނުމެވޭމެއެވެ. އަދި އެއިން ކޮންމެ އެއްޗެއްމެ ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ. ". މި އާޔަތުން އަންގާދެނީ ކައުނުގައިވާ ތަރިތަކަކީ އޯބިޓެއްގައި ހިނގަހިގާ ހުންނަ ތަކެތިކަމެވެ. އިރަކީވެސް ތަރިއެކެވެ.

މި ފޮޓޯއިން ދައްކާދެނީ އަލިގަދަ ގުރަހެއްޔެއްކަމަށްވާ M101 އެވެ. ސައިންޓިސްޓުން ބުނާގޮތުގައި މި ކައުނުގައި މިފަދަ އެތަކެއް ބިލިއަން ގުރަހެލި ވެއެވެ. އެއިން ކޮންމެ ގުރަހައްޔަކު އެތަކެއް ބިލިއަން ތަރި އެކުލެވިގެން ވެއެވެ. މި ހުރިހައި ތަރިތަކެއް އޯބިޓެއްގައ ހިނގަހިގާ ހުންނާނެއެވެ. ބައެއް ފަހަރު މިއިން ބައެއް ތަރި ގުރަހެލީގެ މެދުގައިވާ ހުސްތަނަށް ނުވަތަ ބްލެކް ހޯލްގެ ތެރެއަށް ދަމާގަނެއެވެ. ބައެއް ތަރި އެކަތި އަނެކެއްޗާ ފުށުއަރާ ޖެހޭގޮތްވެއެވެ. އަދި މިނޫނަސް ކޮންމެ ގުރަހައްޔެއްގެ ތެރޭގައި އެމީހުންނަށް ނޭގޭ އެތަކެއް ކަމެއް ހިގައެވެ.
           ސައިންސްގެ މި ޢަޖާބުކުރުވަނިވި ޙަޤީޤަތް ކީރިތި ޤުރުއާނުގައި މާތްﷲ ވަނީ ބަޔާންކުރައްވާފައެވެ. ގުރަހެލިތަކުގެ މެދުގައި ފަނާވަމުންދާ ތަރިތަކާއި އޭގެ ވަށައިގެން ހަލުވިކަމާއެކު ދައުރުވަމުންދާ ތަރިތަކާމެދު سورة النّجم ގެ 1 ވަނަ އާޔަތުން ފެށިގެން 5 ވަނަ އާޔަތުގެ ނިޔަލަށް މާތްﷲ ވަޙީކުރައްވާފައިވަނީ ﴿ وَالنَّجْمِ إِذَا هَوَىٰ ﴿١ مَا ضَلَّ صَاحِبُكُمْ وَمَا غَوَىٰ ﴿٢ وَمَا يَنطِقُ عَنِ الْهَوَىٰ ﴿٣ إِنْ هُوَ إِلَّا وَحْيٌ يُوحَىٰ ﴿٤ عَلَّمَهُ شَدِيدُ الْقُوَىٰ މާނައަކީ " އޮއްސިގެންދާހިނދު، ތަރި ގަންދެއްވައި وحى ކުރައްވަމެވެ. (1) ތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ: محمد ގެފާނު) حق ގެމަގުން އެއްކިބާވެވަޑައެއް ނުގަންނަވައެވެ. އަދި باطل اعتقاد އެއް ނުކުރައްވައެވެ. (2) އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. (3) އެއީ އެކަލޭގެފާނަށް އިއްވަވާ وحى އެއްކަމުގައި ނޫނީ ނުވެތެވެ. (4) ބާރުގަދަ ملائكة އަކު، އެކަލޭގެފާނަށް އެ (وحى) އުނގަންނައިދެއްވިއެވެ. ".
           މި އާޔަތުގައި ތަރި އޮއްސުމޭ ވަޙީކުރައްވާފައި އޮތުމުގައި އެއީ އެ ތަރީގެ ޢުމުރު ހުސްވެ ފަނާވުމާ ހިސާބަށް ދިއުންކަމަށް އިޝާރާތްކުރެއެވެ. އަދި މި އާޔަތުގައި ބަޔާންކުރައްވާފައި މިވަނީ ތަރިތަކާއި ގުރަހެލިތަކުގެ މެދުގައިވާ ހުސްތަން (ބޮލެކް ހޯލާއި) އަދި ބްލެކް ހޯލްގެ ވަށައިގެން ބާރަށް ދައުރުވަމުންދާ ތަރިތަކާއި ބްލެކް ހޯލުގެ ތެރެއަށް ދަމާގަންނަ ތަރިތަކުގެ ވަރަށް މުހިއްމު ސިފައެކެވެ. ކޮންމެ ތަރިއަކުންވެސް އަލިކަން ފާޅުވަނީ އޭގައި އެކުލެވިގެންވާ ގޭހުގެ މާއްދާތައް އަދަމުންދާ ވަރަކުންނެވެ. މި ހުރިހައި ގޭހެއް އަނދާހުލިވުމުން އޭގެ ޢުމުރު ހުސްވެ އިސާނަކު މަރުވެ ކުނިވުމުން ފުފޭފަދައިން ތަރިވެސް ފުފެގެންދެއެވެ. އަދި އޭގެ އުންސަރުތައް ހިފަހައްޓާނުލުމުގެ ސަބަބުން އެ ތަރިއެއް ފަޅާގެން ދެއެވެ. ނުވަތަ ވަރަށް ބޮޑު ބޮމެއް ގޮވާ ބީދައިން ގޮވައެވެ. ވުމާއެކު މި ސޫރަތުގެ ފުރަތަމަ އާޔަތުގައި ތަރި އޮއްސުމޭ ވަޙީކުރައްވާފައި އޮތުމުގެ ސަބަބުން އެއީ އޭގެ ޢުމުރު ހުސްވެ އަލިކަން ކެނޑި ފަނާވުންކަމަށް އިޝާރާތްކުރެއެވެ.
           މި އާޔަތަށް ބަލާއިރު ދާދި ފަހަކުން އަޅުގަނޑުމެންނަށް އެނގިފައި މިވާ ބޮޑު އަޖާބު ގަންދެއްވައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިމިވަނީ އެކަލާނގެ ނަބިއްޔާ މުޙައްމަދ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އެކަލޭގެފާނުގެ އަމިއްލައެދުންފުޅަކަށް ވާހަކަދައްކަވާ ބޭފުޅެއް ނޫންކަމެވެ. އެކަލޭގެފާނުގެ ބަސްފުޅަކީ އެކަލާނގެ އެކަލޭގެފާނަށް އިއްވާ ވަޙީގެ ބަސްފުޅުކަމެވެ. އަދި އެކަމުން އިޝާރާތްކުރަނީ އެކަލާނގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބާވާލެއްވުނު ވަޙީއާމެދު ޝައްކުގެމަތީގައިވާ މީހުނަށް މިފަދަ ބޮޑެތި އަޖާބުކރުވަނިވި ޙަޤީޤަތްތައް އެމީހުންގެ ލޯމައްޗަށް ހާމަކުރައްވާ އެކަލޭގެފާނުގެތެދުވެރިކަން އެމީހުންނަށް ސާބިތުވާނެކަމެވެ.
           މި ކައުނީ ޙަޤީޤަތާމެދު ދެބަސްވެވެން ނެތްއިރު މި ކަމުގެ ވާހަކަ ކީރިތި ޤުރުއަނުގައި މީގެ 1400 އަހަރު ކުރިން ވަރަށް ރަގަޅަށް މިއޮތީ ބަޔާންކޮށްދެއްވާފައެވެ. މި ކަމުންވެސް ދޭހަވަނީ ކީރިތި ޤުރުއާނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކަލާމްފުޅުކަމެވެ. މި ދިރާސާތަކާއި ހޯދުންތަކުން އޮޅުމެއްނެތި ދޭހަވަނީ ޤުރުއާނުގެ ސާބިތުކަމާއި އޭގައި އޮޅުމެއް ނެތްކަމާއި އެ ޤުރުއާން ބާވާލެއްވުނު ނަބިއްޔާގެ ތެދުވެރިކަމެވެ.

ރިފަރެންސް:
1-    ޑޮކްޓަރ ގެރީ މިލަރ.(1992).ދި އެމޭޒިން ޤުރުޢާން.ޔޫ.އެސް.އޭ. www.free-ebooks.net
އަބްދުއްދާއިމް އަލްޚަލީލް http://kaheel7.com/eng/index.php/astronomu-a-space/371-a-collapsing-star-at-the-galactic-center-




No comments:

Post a Comment