Blogger Widgets

Saturday, December 1, 2012

ދިވެއްސަކަށްވީތީ ފަޚުރުވެރިވަމާ.

ދިވެއްސަކަށްވީތީ ފަޚުރުވެރިވާނީ ކިހިނެއްކަން އަޅުގަނޑުމެންގެ ގިނަ މީހުންނަށް ވަނީ އޮޅިފައެވެ. ގިނަ މީހުން ހީކުރާގޮތުގައި އެއީ އެކަމުގެ މައްޗަށް ޘަނާކިއަމުން ދުވުމެވެ. ނަމަވެސް ޙަޤީޤަތަށް ބަލާއިރު އެއީ މުޅިން ތަފާތުކަމެކެވެ. ޙަޤީޤަތުގައި ދިވެއްސަކަށްވީތީ ފަޚުރުވެރިވުމަކީ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށް ދޫކޮށްފައިވާ އަގުހުރި ތަރިކަތައް ރައްކާތެރިކޮށް އަންނަ ޖީލުތަކަށް ރައްދުކޮށްދިނުމެވެ.މި ތަރިކަތަކުގެ ތެރޭގައި އަޅުގަނޑުމެންގެ އަމިއްލަ މާދަރީ ބަހާއި، އިސްލާމް ދީނާއި، އަމިއްލަ މިނިވަންކަމާއި، އަމިއްލަ ޘަޤާފަތާއި ތާރީޚީ ތަރިކަތަކާއި ޒަމާނުއްސުރެ ލިބިފައިވާ ރީތިނަންހިމެނެއެވެ. ސުވާލަކީ މިދެންނެވި ތަރިކަތައް ރައްކާތެރިކޮށް އަންނަ ޖީލުތަކަށް ފޯރުކޮށްދޭނީ 
ކިހިނަކުންހެއްޔެވެ. ކުރެވޭނެ ކަންތައްތައް ބައިވަރުއެބަހުއްޓެވެ. ވިސްނަވާބައްލަވާށެވެ.
ދިވެހި ބަސް އަންނަ ޖީލުތަކަށް ރައްދުކޮށްދިނުމުގައި މިއަދު އަޅުގަނޑުމެން އެ ބަސް ރަގަޅަށް ދަސްކުރަންޖެހޭނެއެވެ. ދިވެހި ބަހުން ކުށެއްނެތި ލިޔެ ކިޔައި އުޅުން ދަސްކުރަންޖެހޭނެއެވެ. ވާހަކަދައްކާ ހެދުމުގައި އެއްވެސް ބޭނުމެއްނެތް ބޭރު ބަސްތައް ބޭނުންކުރުމުގެ ބަދަލުގައި މައްދިވެހި ބަސް ބޭނުންކުރަން އާދަކުރަންޖެހޭނެއެވެ. އެ މީހެއްގެ ކުޅަދާނަކަން ހުރި މިންވަރެއްގެ މައްޗަށް ދިވެހި އަދަބިއްޔާތުގެ ތެރެއަށް ވަންނަންޖެހޭނެއެވެ.
              އިސްލާމް ދީނުގެ ވާހަކަ ދައްކާނަމަ އަޅުގަނޑުމެން ހުރިހައި އެންމެންނަކީ އެ ދީނަށް ލޯބިކުރާ ބައެއްކަމުގައި ވާންޖެހޭނެއެވެ. އަޅުގަނޑުމެން ހުރިހައިއެންމެންވެސް ދަންނަމު މި ފަސްގަނޑު ދެކުނު އެތަކެއް ދިވެހި ދަރިން މާތްވި އިސްލާމް ދީނާއި މި ޤައުމަށްޓަކަޢި ޤުރުބާންވެގެން ގޮސްފައިވާކަން، މިއަދު އަޅުގަނޑުމެންގެ ޖިހާދަކީ ކަނޑިބަޑީން ކުރަންޖެހޭ ޖިހާދެއްނޫންކަން، އެއީ ފިކުރާއި ވިސްނުމުން ކުރަންޖެހޭ ޖިހާދެއްކަން، މި ޒަމާނުގެ ފިކުރީ ހަނގުރާމައާ ދެކޮޅަށް ކުރަންޖެހޭ ޖިހާދެއްކަން، ޚަބަރފަތުރާ ވަޞީލަތްތަކުގެ ތެރޭގައި މަގުއޮޅުނަނުދީ ސާބިތުވެތިބުމަށް ކުރަންޖެހޭ ޖިހާދެއްކަން، ވުމާއެކު މި ތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދެވޭނީ މިދެންނެވި ގޮތަށް އަޅުގަނޑުމެން ހުރިހައި އެންމެންނަކީ އިސްލާމުންކަމުގައި އުފަންވެ، އިސްލާމުންކަމުގައި ދުނިޔެ ހޭދަކޮށް އިސްލާމުންގެ ގޮތުގައި މަރުވެދިއުމުންނެވެ.
                އަމިއްލަ މިނިވަންކަން ރައްކާތެރިކުރުމާއި އެ ތަރިކަ އަންނަ ޖީލުތަކަށް ރައްދުކޮށްދިނުމަކީ އެ މިނިވަންކަމަށް ލޮޅުމެއް އަންނަ ހުރިހައި ކަމަކުން ދުރުވެގަތުން ކަމުގައި އަޅުގަނޑުމެން ހުރިހައި އެންމެން ދަންނަމުއެވެ. ދިވެހި ރާއްޖޭގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކުވެސް އެ މިނިވަންކަން ނަގާލުމަށް ދިވެހިންގެ ކޮންމެވެސް ބައެއް އޭގެ އަޑީގައި ވާކަން އަޅުގނޑުމެން އެންމެން ދަންނަމުއެވެ. ވީމާ އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ އެފަދަ ބަޔަކަށް އަޅުގަނޑުމެން ނުވުމަށެވެ. އަދި އެފަދަ ނުފޫޒުތަކުގައި ނުޖެހޭ ބަޔަކަށް ވުމަށެވެ. އަދި އެފަދަ ނުފޫޒެއްގެ ތެރެއަށް ޤަޢުމު ވެއްޓިގެން ހިގައިދާނެފަދަ ކަމެއް ޤައުމަށްޓަކައި ޤަޢުމުގެ ދަރިއެއްގެ ހައިސިއްޔަތުން ނުކުރުމަށެވެ. ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލާއި، ޤައުމުގެ ހަޒާނާތަކާއި ތަރިކަ މުދަލާއި ބޭރު ބައެއްގެ އަތްމަތްޗަށް ދޫނުކޮށް ލިބިފައިވާެ މިނިވަންކަމަށް ފަޚުރުވެރިވާ ބަޔަކަށް ވުމަށެވެ.
               އަދި މީގެ އިތުރުން އަޅުގަނޑުމެންގެ ޘަޤާފަތާއި ތާރީޚީ ތަރިކަތައް އަންނަން ޖީލުތަކަށް ރައްދުކޮށްދޭން ޖެހޭނެއެވެ. އެ ތަރިކަ ރައްދުނުކުރެވިއްޖެނަމަ އަންނަ ޖީލުތަކުން އަޅުގަނޑުމެން މަތިން ހަދާނެއް ނުކުރާނެއެވެ. ކޮންމެ ޖީލެއްވެސް ކާބަފައިންގެ ހަދާން އާކޮށް އެ މީހުންގެ އަސަރުތައް ދެނިގަންނަނީ އާދަކާދަޔާ ޘަޤާފަތާއި ތާރީޚީ ތަރިކަތަކުގެ އަލީގައެވެ. ޘަޤާފަތަކީ ޒަމާނާއެކު ބަދަލުވަމުން އަންނަ އެއްޗެއް ނަމަވެސް އެ އެއްލާލައި ބޭރު ތަކެއްޗަށް ރޭރުވެގެން އުޅޭކަށް ނުވާނެއެވެ. ސަބަބަކީ އަޅުގަނޑުމެންނަކީ ކޮންކޮން ބައެއްކަން ބޭރު މީހުން ދެނިގަންނަނީ އަޅުގަނޑުމެން އަޅައިގެން މި ތިބޭ ޘަގާފަތޭ ކިޔާ ހެދުމުގެ ސަބަބުންނެވެ. އެ ހެދުން ބާލާފިނަމަ އަޅުގަނޑުމެން އޮރިޔާންވާނެއެވެ. މުޅިން ފަޤީރުވާނެއެވެ.
              އަޅުގަނޑުމެންނަށް ލިބިފައިވާ ރީތި ނަމުގެ ވާހަކަވެސް ނަންގަނެލަން އެބަ ޖެހެއެވެ. ޒަމާނުއްސުރެ އަޅުގަނޑުމެންގެ ވަޠަނަކީ އަމާން ތަނެއްގެ ގޮތުގައި ބޭރުގެ ހުރިހައި ފަރާތްތަކުން ފާހަގަކުރެއެވެ. އަދި އެ މީހުން ދެކޭގޮތުގައި ދިވެހި ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއެއް ފަދަ ރީތި ތަނެކެވެ. ރާއްޖޭގެ ރައްޔިތުންނަކީ މެޙްމާނުންނަށް ކަމޭހިތާ އެކުއުޅެން ފަސޭހަ އެކުވެރި ބައެކެވެ. މިއީ ކިހާ ވަރެއްގެ ޙަޤީޤަތެއްކަން ބޭރު ޤައުމުތަކަށް ދަތުރުކުރި ދިވެހިން ލޮލުން ދެކި އަތުން ހިފައިފާ ވާނެއެވެ. ސެކިއުރިޓީ ޕޮއިންޓްތަކުން މީހުން ޗެކްކުރާއިރު ދިވެއްސަކާ ދިމާވެއްޖެނަމަ މާގިނަ ސުވާލުތަކަކާ ނުލައި ޕާސްޕޯޓް ބަލާލުމަށްފަހު ދޫކޮށްލާފައި އެބަހުއްޓެވެ. ބޭރުގެ ފަރާތްތަކުންވެސް ދަންނަ ގޮތުގައި ދިވެހިންނަކީ ވަރަށް ޞުލްޙަވެރި ބައެކެވެ. މިއީ ދުނިޔޭގެ އެހެން އެއްވެސް ބަޔަކަށް ލިބިގެންވާ ޝަރަފެއްނޫނެވެ. މި ޝަރަފު ދަމަހައްޓަން ބޭނުންނަމަ މިހާރު އަޅުގަނޑުމެންގެ ތެރޭގައި ފެންނަމުން މިދާ ހަމަނުޖެހުންތަކާއި މާރާމާރީ އަދި މީހުން މެރުން ފަދަ ކަންތައްތަކަށް އަޅުގަނޑުމެން ތާޢީދުކޮށްގެން ނުވާނެއެވެ. އެފަދަ ކަންތައްތައް ކުރާ މީހުންނަށް ހިތްވަރު ދެވިގެން ނުވާނެއެވެ. މައްސަތައް ބަލާ ތަހުޤީގުކޮށް އެފަދަ ކަންތައްތައް ހުއްޓުވުމަށް މަސައްކަތް ކުރާ ޤާނޫނީ ފަރާތްތައް ވައި އަނގަ ތަޅައިގެން ބަނދުނާމްކޮށް އެކަމަށް ހުރަސް އަޅައިގެން ނުވާނެއެވެ. އަދި އެފަދަ ފަރާތްތަކުން ޒިންމާދާރު ނުވެ މަޖިލިސް ތަކުގައި ވައިއަނގަ ތަޅައިގެން ނުވާނެއެވެ. ވަކި މަޖިލީހަކަށް ވަކި ޖަމާއަތަކަށް ނިސްބަތް ވީތީ ކުއްނުކުރާނެ ކަމުގެ ވިސްނުން ދޫކޮށް  އެ ފަދަ ކަންތައްތަކުން ދުރުވެގަންނަން ބޭނުންނަމަ އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގައިވެސް އެފަދަ ކަންތަތަކުން ދުރުވެގަންނަން ޖެހޭނެއެވެ.
               ކުރިންވެސް ލިޔެވިދިޔަ ފަދައިން ދިވެއްސަކަށް ވީތީ ފަޚުރުވެރިވުމަކީ ދިވެހިންނަށް ލިބިފައިވާ ތަރިކަތަކަށް ރައްކާތެރިކުރުމެވެ. އެ ތަރިކަތަކަށް ރައްކާތެރިނުވެ ބޭރުގެ ގޮތްތައް ކޮޕީކުރާނަމަ އަސްދޫނި ހިނގާގޮތަށް ހިގަންއުޅުނު ކާޅަށް ވީގޮތް ވެދާނެއެވެ. އެއީ ކާޅަށް އަސްދޫނި ހިނގާގޮތަށް ނުހިގުނު ހާލުގައި ތިމާ ކުރިން ހިގާގޮތަށްވެސް ހިގަން ނޭގުނެވެ. އެއްމެފަހުން މުޅި ޒާތެއްގެ ކޮރެއްޖަހަމުން ނޫނީ ކާޅަށް ހިނގޭކަމަށް ނުވިއެވެ. ވީމާ އަމިއްލަ ވަންތަކަން ނަގާނުލަމާހެއްޔެވެ.








1 comment:

  1. youtube tv-channel - youtube.com/en-us/videos/50863929
    youtube tv-channel, youtube video-channel, youtube video-channel, youtube video-channel, youtube video-channel, youtube video-channel, youtube video-channel, youtube video-channel, youtube video-channel, youtube to mp3 ringtone youtube video-channel,

    ReplyDelete