Blogger Widgets

Saturday, October 6, 2012

އަޅުގަނޑުމެން އިންސާނުން މި ބިންމަތީގައި ލައްވާފައިވާ ގޮތަށް ބަލާއިރު ކީރިތި ޤުރުއާނުގައި އަންގަވާފައިވަނީ އަޅުގަނޑުމެން ޤަބީލާތަކާއި ވަންހަތަކެއްގެ ގޮތުގައި ލައްވާފައިވަނީ އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވެ އުޅުމަށްޓަކައިކަމުގައެވެ. ވީއިރު ކީރިތި ޤުރުއާނުގައިވެސް އަންގަވާފައިވަނީ އަޅުގަނޑުމެން ލައްވާފައިވަނީ ތަފާތު ބައެއްގެ ގޮތުގައިކަމަށެވެ. އަދި އެ ތަފާތުތައް ބަލައިގަންނަން ޖެހޭނެކަމުގައެވެ.
           މުޖުތަމަޢަކީ ބޮޑު މެޝިނެއްކަމަށް ވަނީވިއްޔާ އެފަދަ ބޮޑު މެޝިނެއްގެ ސޯބުތަކާއި ދިއުޅިތަކާއި އިސްކުރުތައް އެކިއެތި އެކިވަރުވާނެއެވެ. އެ ވަރުގެ މެޝިނެއް ހިނގާނީ މި ދަންނަވާ އެކިވަރުގެ ސޯބުތަކާއި ދިއުޅިތަކާއި އިސްކުރުތައް އެކަތި އަނެކެއްޗަށް ބަރޯސާވެގެންނެވެ. އެފަދަ މެޝިނެއްގެ ހުރިހައި ސޯބުތަކާއި ދިއުޅިތައް އެއްވަރުކުރުމަކީ ވާނޭކަމެއްނޫނެވެ. ވީއިރު މުޖުތަމަޢެއްގެ ދޭދޭ ފަރުދުންނަކީ އެކަކު އަނެކަކާ ވަރަށް ތަފާތުބައެކެވެ. މުޖުތަމަޢެއްގައި ކުރެވޭ މުޢާމަލާތްތަކާއި، ވިޔަފާރިތަކާއި އެކަކު އަނެކަކަށް ވެވޭ އެހީތައް ވުމުގައި އަމާން އޮމާންކަމާއެކު ކަންތައްތައް ކުރެވިގެންދާނީ އެކި އެކި ފަރުދުންގެ ތަފާތުތައް ދަނެ އެކަން ޤަބޫލުކޮށްގެންނެވެ. މިތަފާތުތައް ޤަބޫލުނުކުރާނަމަ މެޝިނުގެ ހުރިހައި ސޯބުތަކެއް އެއްވަރުކުރަން މަސައްކަތްކުރުމުން ވާގޮތަށް ކަންތައްތައް ވެގެންދާނެއެވެ. އެއީ އެ މެޝިން ނުހިނގާގޮތްވުމެވެ. އެއްވެސް ސޯބަކަށް އެނބުރެވޭނެ ގޮތެއްވެސްނެތި ތާށިވެ އެކަތި އަނެކެއްޗާ ފުށުއެރުމެވެ. ހަމައެފަދައިން އެކަކު އަނެކުންގެ ތަފާތުތައް ޤަބޫލުނުކުރާނަމަ އެކަކު އަކަކާމެދު އޮންނަ ގުޅުންކެނޑި، ކަންތައްތައް ހިންގުން ދަތިވެ، އާޚިރުގައި އެކަކު އަނެކަކާ ދެކޮޅުވެރިކަން ފެށި އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުކުރެވޭ ހިސާބަށް ކަންތައްތައް ހިނގާދާއެވެ. މިއީ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ނޫނެވެ.
            އަޅުގަނޑުމެންގެ މެދުގައި ޖެހޭ މައްސަލަތައް ނައްތާލުމުގައި އަޅުގަނޑުމެންގެ ފިކުރު ހުންނަންޖެހޭނީ އަނެކުންނަކީވެސް ތަފާތުބައެއްކަމަށް ޤަބޫލުކޮށް އެ ތަފާތުތަކާއެކު އަޅުގަނޑުމެން މަޤުޞަދުތައް ޙާޞިލްވާނެކަމުގައި ބަލައިގެންނެވެ. މިކަން ނުދަނެ އެއްބަޔަކު އަނެއް ބަޔަކާ ޖައްސާލައިގެން އުޅޭނަމަ ވާނޭގޮތް ވިސްނަވާލައްވާށެވެ. އައްޑޫ މީހުން އުޅޭގޮތް ހުވަދޫ މީހުންނަށް ކަމުނުގޮސް، ނައިފަރު މީހުން ވާހަކަދައްކާގޮތަށް ހިންނަވަރު މީހުން މަލާމާތްކޮށް، އެއްޕާޓީއެއް އަނެއްޕާޓީއަކަށް ހަމަލަދީ، ތުބުޅި ލީ މީހުން ތުބުޅި ނުލާ މީހުންދެކެ ރުޅިއައިސް، މައްޗަންގޮޅީ މީހުންދެކެ މާފަންނު މީހުން ރުޅިއަރައިގަނެގެން އުޅޭނަމަ މިދީބު ދެމިއެއް ނޯންނާނެއެވެ. އެންމެން ބައިބައިވެ ވަކިވަކިވެގެން ހިނގައިދނެއެވެ.  
            ޤައުމެއްގެ މަޞްލަޙަތަށް ބަލާއިރު ތަފާތު ބަލާގަތުމުގެ ވަރަށް ރަގަޅު މިސާލެއް ކިޔައިދީފާނަމެވެ. 1998 ވަނަ އަހަރު ވޯލްޑްކަޕް ފްރާންސަށް ކާމިޔާބުކުރެވުނީ ކީއްވެތޯ ސުވާލުކުރުމުން އެޤައުމުގެ ރައްޔިތުން ބުނެފައިވަނީ އެމީހުންގެ މެދުގައި ހުރި ތަފާތުތައް ޤަބޫލުކޮށް އެންމެން އެއް މަޤްޞަދެއްގައި މަސައްކަތްކުރުމުން ލިބުނު ކާމިޔާބީއެއްކަމަށެވެ. ނަސްލާއި، ދަރިފަސްކޮޅާއި، ދީނާއި، ޘަޤާފަތާއި ބަހުރުވަ ތަފާތު ކުޅުންތެރިންތަކެއް މުބާރާތަށް ނުކުތީ ކޮންމެ މީހަކީވެސް އަނެކުން ޤަބޫލުކުރާ މީހެއްގެ ގޮތުގައެވެ. ފައިނަލް މެޗްގައި ލަނޑުޖެހިއިރު ޒިދާނަކީ އަލްޖީރިޔާގެ ޢަރަތްބެކެވެ. ޑިފެންޑަރުންނަށް ކުޅެފައިވަނީ އެފްރިކާ ދަރިކޮޅުގެ މީހުންނާއި ފްރާންސްގެ އެހެނިހެން ކޮލެނީތަކުގެ މީހުންނެވެ.
           ތަފާތު ޤަބޫލުނުކުރާނަމަ ދޭދޭ މީހުންގެ މެދުގައި ހިނގައި އަރާރުމުންފެށިގެން ހައްޤަކާއި ނުލާ މީހުން މެރުމާއި އަދި ބައިނަލްއަޤްވާމީ ބޮޑެތި ޖަރީމާތައްވެސް ހިނގާފައި އެބަހުއްޓެވެ. ކެމްބޯޑިޔާގެ ޚުމައިރޫޒް ހިންގި ޖެނަސައިޑާއި ޒައިރުގެ ޓޫޓްސީން ނައްތާލުމަށް ހިންގުނު ޤަތުލު އާންމުތަކަކީ ބަޔަކުންގެ މެދުގައިހުރި ތަފާތުތައް ޤަބޫލު ނުކުރެވުމުގެ ސަބަބުން ހިންގާފައިވާ ޖަރީމާތަކެކެވެ. އެޑޮލްފް ހިޓްލަރ ކުށެއްނެތް 6 މިލިޔަން މީހުންގެ ފުރާނަދުއްވާލީވެސް އޭނައަކީ ތަފާތުތައް ޤަބޫލުނުކުރެވޭ މީހަކަށްވުމުންނެވެ.
           ޢިލްމުގެ މައިދާނުގައި ގަދައަޅައި މަސައްކަތްކުރާ ކުދިންނަކީ ދަރިވަރުންނެވެ. ތަޢުލީމަކީ މިދަންނަވާ ތަފާތުތައް ޤަބޫލުކުރާނެގޮތް އަޅުގަނޑުމެންނަށް ދަސްކޮށްދޭ އެދުރެވެ. އެ ތަފާތުތައް ޤަބޫލުނުކުރާ މީހަކީ ޢިލްމީ މައިދާނުގައި ގަމާރެކެވެ. ވީއިރު އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ދަރިވަރަކުވެސްް އަނެކުންނަކީ ތިމާ އާއި ތަފާތު ކުއްޖެއްކަމަށް ޤަބޫލުކޮށް އަނެކުންގެ ޚިޔާލާއި ވާހަތަކަށް އިޙްތިރާމްކުރަންޖެހޭނެއެވެ. ކިޔަވާދެއްވަން ދުރުވާ މުދައްރިސުންނަކީވެސް އެއްބަޔަކު އަނެއްބަޔަކާ ތަފާތުބައެއްކަމާއި، އެއްއިލްމުވެރިޔަކާ އަނެއް އިލްމުވެރިޔަކީވެސް ތަފާތު ބަައެއް ކަމާއި، އެއް ސިޔާސީ ބޭފުޅަކާއި އަނެއް ސިޔާސީ ބޭފުޅުންނަކީވެސް ތަފާތު ބައެއް ކަމާއި އަދި ތިމާގެ އާއިލާގެ ތެރޭގައިވެސް ތަފާތު ފިކުރުގެ ތަފާތު ބޭފުޅުން ތިބިކަން ޤަބޫލުކުރަންޖެހޭނެއެވެ. އިސްލާމީ ހުދޫދުގެ ތެރޭގައިވާ ތަފާތުތައް އަޅުގަނޑުމެން ޤަބޫލުނުކުރާކަމުގައި ވާނަމަ ތަޢުލީމަކުން އެއްވެސް ރާޙަތެއް އަޅުގަނޑުމެންނަކަށް ނުކުރާނެއެވެ.  ނަތީޖާއަކަށް ވެގެންދާނީ ޤަޢުމުގެ ދުވެލި އިނދަޖެހި އެތައް ގޮންޖެހުންތަކާއި ކުރިމަތިވެ ޤައމުގެ މުސްތަގުބޮލް ބަނަވެގެން ދިއުމެވެ. ވީމާ ތަފާތު ގަބޫލްކުރުމަކީ ހުރަސްތަކެއް އެޅޭ ކަމެއްގެ ބަދަލުގައި އެއީ ކުރިއެރުމެއް ކަމަށް ދެކިލައްވާށެވެ.

No comments:

Post a Comment