Blogger Widgets

Tuesday, August 28, 2012

ދިވެހި ވާހަކަތަކުގައިވާ ސިފަކުރުން



         ދިވެހި އަދަބިއްޔާތުގެ ތެރެއިން ދިވެހި ވާހަކަތަކަކީ ސިފަކުރުމާއި ހާދިސާތައް ހިތަށް ގެނެސްދިނުމުގައި ލާމަސީލު ނަމޫނާއެކެވެ. ދުނިޔޭގެ އެހެނިހެން ބަސްބަހުގެ އަދަބިއްޔާތުގައިވެސް ވާހަކައަކީ ވަރަށް ޚާއްޞަ މަޤާމެއް ދެވިގެންވާ ބައެކެވެ. ނަމަވެސް ދިވެހި ވާހަކަ ޚާއްޞަވެގެގެންވަނީ އޭގައިވާ ސިފަކުރުމުގެ ބައި މޮޅުކަމުންނެވެ.
ދިވެހި ވާހަކާގައި ދެވައްތަރެއް ވެއެވެ. އެއީ ކުރުވާހަކަޔާއި ދިގުވާހަކަޔެވެ. ދިވެހި ތާރީޚަށް ބަލައިލާއިރު ފުރަތަމަ ދިވެހި ބަހުން ވާހަކައެއް ލިޔެވިފައިވަނީ ހިޖުރައިން 1339 ގައެވެ. މީގެ 90 އަހަރު ކުރިންނެވެ. އެންމެ ފުރަތަމަ ދިވެހިބަހުން ވާހަކައެއް ލިޔުއްވީ އަލްމަރުޙޫމް އަޙުމަދު ކާމިލްދީދީ އެވެ. އެއީ "ރިވާޔަތު މޫސާ ވަ ޒުލޭޚާ" އޭ ކިއުނު ވާހަކައެކެވެ. ދިވެހި ބަހުގެ ފުރަތަމަ ވާހަކަޔާއެކު އޭގައިވާ ސިފަކުރުމުގެ ބައި ފުރާފުރިހަމަވެގެން އަދަބިއްޔާތަށް ނޭވާލިއެވެ. ނިކަން ދެކިލައްވާށެވެ. ދިވެހިބަހުން ލިޔެވުނު ފުރަތަމަ ވާހަކާގައިވެސް މިއީ ފޭރާންދެރަ ބަޔެކޭބުނެ އިނގިލިދިއްކޮށްލެވޭނޭ ބަޔެއް ނެތެވެ.
          ދިވެހިބަހުން ލިޔެވުނު ދެވަނަ ވާހަކަޔަކީ ޙުސައިން ޞަލާޙުއްދީން ލިއުއްވި ދޮންބީފާނު ވާހަކައެވެ. އޭގެފަހުން ވާހަކަޔަކަށްފަހު ވާހަކަޔެއް ދިވެހި އަދަބީ ޖައްވަށްދިޔައީ ނޭވާލަމުންނެވެ. ދިވެހި ބަހުން ފުރަތަމަ ވާހަކަލިއުއްވި ބޭފުޅުންނަކީ އުރުދޫ ބަހާއި ޢަރަބިބަސް ދެނިވަޑައިގަންނާ ބޭފުޅުންނެވެ. ވުމާއެކު އެބޭފުޅުން ލިއުއްވީ ވާހަކަތަކުގައިވެސް ޢަރަބި ގޮތްގަނޑު ވަރަށް ބޮޑަށް ހުރެއެވެ. ސިފަކޮށްދެއްވުމުގައިވެސް ބައެއްފަހަރު މިއީ ޢަރަބި މުޖުތަމަޢެކޭ ހީވެލައްވާވަރަށް ސިފަކޮށްދެއްވާފައިވެއެވެ. ތަރުޖަމާކޮށްފައިވާ ވާހަކަތަކަށް ބަލާއިރުވެސް ކުރިލިބިފައިވަނީ ޢަރަބި ނޫނީ އުރުދޫ ބަހަށެވެ. ކަލީލާއާއި ދިމްނާ ވާހަކަޔާއި ބާޑީގޭ މުޙައްމަދު ދީދީ ލިއުއްވި އަލިފުލައިލާ ވާހަކައަކީ މީގެ ނަމޫނާއެކެވެ.
ދިވެހިބަހުގައި އުޅެނީ ދެވައްތަރެއްގެ ވާހަކައެކެވެ. ކުރުވާހަކަޔާއި ދިގުވާހަކަޔެވެ. ކޮންމެ ވައްތަރެއްގެ ވާހަކަޔެއް ނަމަވެސް ސިފަކުރުމަކީ ވާހަކައިގެ މައިގަނޑު ބަޔެވެ. ދިވެހިބަހުން ކުރުވާހަކަ ލިޔަންފެށުނީ ނޫސް މަޖައްލާފަދަ ތަކެތި ނެރެން ފެށުމުންނެވެ. އެއީ ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ދައުރުން ފެށިގެންނެވެ.

ކުރުވާހަކަ

         ދިވެހި ކުރުވާހަކައިގެ މޭސްތިރިއަކީ އުސްތާޛުލްޖީލް އޮނަރަބަލް އަލްއުސްތާޒް އަލްމަރްޙޫމް މުޙައްމަދު ޖަމީލް ދީދީއޭ ބުނުމަކީ އެހެނިހެން ޢަދީބުންނަށް ބުނެވޭ ބޭއަދަބީ ބަހެއްކަމަށް އަޅުގަނޑު ނުދެކެވެ. ސަބަބަކީ ކުރުވާހަކަލިއުއްވާ އެހުނަރު ތަޢާރަފްކޮށް ތަރައްޤީކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވި ބޭފުޅަކީ މުޙައްމަދު ޖަމީލް ދީދީއެވެ. މީގެ ހެތްކަކީ 1984ވަނަ އަހަރުގެ އޮގަސްޓްމަހުން ފެށިގެން ފަތްތޫރާގައި ކުޑަކުދިންގެ ޞަފްޙާއެއް އިތުރުކުރައްވާ ކުޑަކުދިންނަށްޓަކައި ވަރަށް އަގުހުރި ކުރުވާހަކަތަކެއް އެމަނިކުފާނު ލިއުއްވާފައި ވާކަމެވެ. އެމަނިކުފާނު ލިއުއްވި ކުރުވާހަކަތަކަކީ އަގުހުރި ފިލާވަޅުތަކެކެވެ. އަދަބިއްޔާތުގެ އަގުހުރި ތަރިކައެކެވެ. ސިފަކުރުމުގައި މިޒަމާނުގެ ލިއުންތެރިންނަށް ދައްކަވާފައިވާ ނަމޫނާއެކެވެ. އެމަނިކުފާނު ވާހަކަތައް ކުޑަކުދިންނަށް ސިފަކޮށްދިނުމުގައި ބައެއްފަހަރު ބަސްމޮށެއުޅޭ ޖަނަވާރުންގެ ވާހަކަ ގެންނަވާފައި ވެއެވެ. އަނެއްބައިފަހަރު ޢިބުރަތްތެރި ވާހަކައެއް ދޭހަކޮށްދިނުމަށް އެކިއެކި ކަންތައްތައް ސިފަކޮށްދެއްވާފައިވެއެވެ. މިއީ ތެދެއްކަން މަނިކުފާނު ލިއުއްވި ބަސްމަގާއި ދިވެހިކިއުމުން ވަރަށް ރަގަނޅަށް އެނގިވަޑައިގަންނަވާނެއެވެ. އެމަނިކުފާނު ފަތްތޫރާގައި ލިއުއްވާފައިވާ 'އެންމެން ރުއްސަންއުޅުން' މި ވާހަކަޔަށް ބައްލަވާށެވެ.
         'ކުއްޖާ ބަލާކަށްނެތެވެ. ފުންމައިގެން އަރައި ބައްޕަގެ ފަހަތުގައި އިށީދެއްޖެވެ. ދެބަފައިންވެސް އުއްމީދުކޮށްގެން ތިބީ ދެން މީހަކު އެއްޗެއް ނުބުނާނެ ކަމަށެވެ. ނަމަވެސް ތަންކޮޅަކަށް ދިޔަތަނާ ދިމާވި ޒުވާނަކު އެބަބުނެއެވެ. "ތިޔައީ ތިޔަ ދެ ބަފައިންގެ ޖަނަވާރެއްހޭ؟" މުސްކުޅިޔާ ބުންޏެވެ. "އާއެކެވެ. ކަށަވަރެވެ. މިއީ އަހަރެމެންގެ އެއްޗެކެވެ. މިދަނީ މީތި ވިއްކާލަން ބާޒާރަށެވެ." ޒުވާނާ ބުންޏެވެ. "ހިމާރުގެ ބުރަކަށިމައްޗަށް ތިވަރުގެ ބަރެއް އަރުވާ ހިމާރުލައްވާ ދެބަފައިން އުފުލުމަށްވުރެ މޮޅީ ދެ ބަފައިންވެގެން ހިމާރު އުފުލުމެވެ.'
         މިއީ އެއްވެސް މީހަކަށް އެންމެން ނުރުއްސޭނެކަން ދޭހަކޮށްދިނުމަށް އެމަނިކުފާނު ލިއުއްވާފައިވާ ކުރުވާހަކައެކެވެ. އެންމެން ރުއްސަން ހަދައިގެން އޭގެ ދެބަފައިންނަށް ޖެހުނު ޙާލު މިވާހަކާގައި ވަރަށް މޮޅަށް ސިފަކޮށްދެއްވާފައިވެއެވެ. ބަސްމަގުވެސް ގެންނަވާފައިވަނީ ކުޑަކުދިންނަށް ދޭހަވާނޭފަދަ ފަސޭހަ ޢިބާރާތުންނެވެ. ކުރު ޖުމްލަތަކެއް އެކުލަވާލައްވާގެންނެވެ. މާނަ ދޭހަނުވާފަދަ ބަސްތަކެއް ގެންނަވާފައެއް ނުވެއެވެ.
         ދިވެހި ކުރުވާހަކަތަކަށް ބަލާއިރު އަލްފާޟިލް ޢަބްދުﷲ ޞާދިގުގެ ވާހަކަތަކަކީވެސް ފާހަގަކުރެވޭ ވާހަކަތަކެކެވެ. އެއީ ކިޔަވާކުދިންނަށާއި ވާހަކަލިޔުމުގެ ފަންނަށް ޝައުޤުވެރިވާ ފަރާތްތަކަށް ސިފަކުރުމާއި ޝަޚުޞިއްޔަތުތަކުގައި ކުލަޖެއްސުމާއި ވާހަކާގައި ލޮނުހެޔޮވަރުކުރުމުގެ އައު ހުނަރުތަކެއް ލިބިގަތުމުގެ ނަމޫނާއެކެވެ. ޢަބްދުﷲ ޞާދިޤު ލިއުއްވާފައިވާ 'މުދައްރިސްވަންތަކަމުގެ ލޯބި' މި ވާހަކަ ފައްޓަވާފައި ވަނީ މި ފަދައިންނެވެ.
           'ވަގުތަކީ ހަވީރުގެ ވަގުތެވެ. ޙިލްމީ މާރުކޭޓަށްދާން ގެއިން ނުކުމެއްޖެއެވެ. ގެއަށް ބޭނުންވާ ބައެއް ތަކެތި ގަތުމަށްޓަކައެވެ. އޭނާއަށް މާރުކޭޓަށް ދެވުނުއިރު އާދައިގެ ދުވަސް ދުވަހޭ އެއްގޮތަށް އެތަނުގައި އޮންނަ ހޯބޯލެވުމާއި ހަޅޭކުގެ އަޑުން މުޅިތަން ވަނީ ގުގުމާފައެވެ. އެއްތާކުން މަސްކިބައެއް ގެންފައި ކައިރީގާހުރި ކުއްޖާއާ ޙަވާލުކޮށްފިއެވެ. އަނެއްތާކުން ދެތިން ލުބޯ ގެންފައި އޭނާއާ ޙަވާލުކޮށްފިއެވެ. ދެން ޙިލްމީ ގަތީ މިރުސްކޮޅެކެވެ. އާދެ! ރޯމިރުސްކޮޅެކެވެ. އެއަށްފަހު އޭނާ މިސްރާބުޖެހީ ދަރު މާރުކޭޓާ ދިމާލަށެވެ. ގެއަށް ދަރުކޮޅެއް ގަންނާށެވެ."
           މި ވާހަކަ ފެށިގެން އަންނައިރު މީގެ 40 އަހަރު ކުރިން މާލޭ ލޯކަލް މާރުކޭޓް އޮންނަގޮތް ސިފަކޮށްދެއްވާފައި ވެއެވެ. އެތަނުގައި މީހުން އުޅޭގޮތް ބުނެދެއްވާފައި ވެއެވެ. ކިޔަވަން މާލެއަންނަ ރާއްޖެތެރޭ ކުދިން އުޅެމުންދާ ބިކަޙާލު ސިފަކޮށްދެއްވާފައި ވެއެވެ. މުދައްރިސަކު އޭނާ މީގެކުރިން ކިޔަވާދިން ދަރިވަރަކަށް އޯގާތެރިވީގޮތާއި އޯގާތެރިވާންޖެހުނު ސަބަބު ވާހަކައިގެ މެދުތެރެއިން ގެންނަވާފައިވެއެވެ. ވާހަކަ ނިންމަވާލައްވާފައިވަނީ މި ވާހަކާގައި އުޅޭ މަޢީމްގެ ދިރިއުޅުން ބަދަލުވާ ހިސާބުންނެވެ. ނަޢީމާމެދު ދެން ކަންތައްތައްވާގޮތް ކިޔުންތެރިންގެ އަމިއްލަ ޚިޔާލަށް ގެނައުމަށް ދޫކޮށްލްމުންނެވެ.
            މަޑުލު ވަޙީދުގެ ކުރުވާހަކަތަކަށް ބަލާއިރު އެއީ ވަރަށް މަދު ޢިބާރާތްކޮޅަކުން ވަރަށް ގިނަ ކަންތައްތަކެއް ސިފަކޮށްދީފައިވާ ވާހަކަތަކެކެވެ. މަޑުލު ވަޙީދުގެ ވާހަކައެއް ކިޔާލުމުން ހީވެލައްވާނީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ދިގު ވާހަކައެއް ކިއުއްވުނީހެންނެވެ. އެއީ ވާހަކައިގެ ޢިބާރާތްތައް ގެންނަވާފައިވާގޮތުން ދެންވާނީ ކިހިނެއްބާވައޭ ހީވެލައްވާވަރުންނެވެ. މަޑުލު ވަޙީދުގެ ވާހަކަތަކުން 'މުޅިން އެހެން ދުނިޔެއެއްގައި' މި ވާހަކައިން ތަންކޮޅެއް ވިދާޅުވެލައްވާށެވެ.
          "ކުއްލިއަކަށް ވިއްސާރަ ހުއްޓިއްޖެއެވެ. މުޅި ދުނިޔެ ހިމޭންވެއްޖެއެވެ. އަފުނޯސް ކައްޓެއް ވައްޓާލިޔަސް އެއަޑު މިހާރު ވަރަށް ގަދަވާނެއެވެ. އެންމެން ސިއްސައިގެން ހިގައްޖެއެވެ. މީހެއްގެ ހަޅާލަވާގަތުމުގެ ޒީލަގަދަ އަޑަށެވެ. އޭރު އެދުރުބޭ މަގުމަތީގައި އޮތް ކިލާފެންގަނޑަކަށް ވެއްޓެނީއެވެ."
        މި ވާހަކާގައި ސިފަކުރުމުގައި ގެނެސްފައިވަނީ ކުރު ސާދާ ޢިބާރާތެކެވެ. ޙާލަތާ ގުޅޭ ބަސްމަގެކެވެ. ކަމަކަށްފަހު ކަމެއް ހިތަށްއަންނަގޮތަށެވެ. މިއާއެކު މަޑުލު ވަޙީދުގެ ވާހަކަތަކުން ފާހަގަކުރެވޭ އެންމެ މުހިންމު ކަމަކީ ޙާލަތެއް ސިފަކުރުމުގައި ކޮންމެހެން ބުނަންނުޖެހޭ ބޭކާރު ވާހަކަތައް ގެނެސްފައި ނުވުމެވެ. އެދުރުބޭ މަރުވެގެން ވެއްޓޭ މަންޒަރު ސިފަކޮށްދެމުންދާއިރު ވަށައިގެންވާ މީހުންގެ ކަންތައްތައް ސީދާ ޢިބާރާތުން ސިފަކޮށްދީފައި ނުވިނަމަވެސް އެދުރުބޭގެ ޙާލަތު ބަޔާންކުރުމަށް ބޭނުންކޮށްފައިވާ ޢިބާރާތްތަކުން ވަށައިގެންވާ މީހުންގެ ކަންތައްތައް ސިފަވާނެގޮތަށް ލިޔުއްވާފައިވެއެެވެ. އެދުރުބެ މަގުމަތީގައި ހުރި ހިސާބަކާއި، ކައިރީގައި ތިބި މީހުން ކުރަމުންދާކަމެއްގެ ވާހަކަ ގެންނަވާފައި ނުވެއެވެ. ވާހަކާގައި މުހިންމީ އެދުރުބެއެވެ. އެދުރުބެޔަށް ވަމުންދާގޮތެވެ. ވީމާ ކަމެއް ސިފަކުރާއިރު އެހެން ބަޔެއަގެ ވާހަކަ ގެނައުމަކީ ވާހަކަ ކިޔާމީހުންގެ ޝައުޤުވެރިކަން ކުޑަވާނޭ ކަމެކެވެ.  

ދިގުވާހަކަ

ދިވެހިބަހުން ދިގުވާހަކަތައް ލިއުއްވި ބޭފުޅުންވެސް އެކަންކުރައްވާފައިވަނީ އަޛަބުވާހާ ފުރިހަމަ ގޮތެއްގައެވެ. ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން ލިއުއްވި ނުޢުމާން ވަ މަރިޔަމް ވާހަކައަކީ އެވާހަކަ ލިއުއްވި ދުވަސްވަރުގެ ފަސްދޮޅަސް އަހަރު ފަހުން ރާއްޖެ އޮންނާނެގޮތް ސިފަކުރައްވާ ލިއުއްވާފައިވާ ވާހަކައެކެވެ. މި ވާހަކަ ފެށިފައިވަނީ މި ދަންނަވާ ގޮތަށެވެ.
           "މިވަނަ އަހަރު މުޙައްރަމްމަހުގެ ފަނަރަވީ ހުކުރުވިލޭރޭ ފަތިސްވެގެން އައިއިރު، މާލޭގެ މަގުމަތީގައި އާދަވެގެން ކޮންމެ ހުކުރު ވިލޭރެޔަކު ފުމެއުޅޭ ތާޅަފިލި ފުމެއުޅޭ އަޑަށް، ދިއްދޫ މޫސާކަލޭފާނަށް ހެއިލެވިގެން ހިތަށްއެރިޔޭ، އެކުރަނީ ކޮންމެވެސް ބޮޑު މާނައެއްހުރި ކަމެއްތާއޭ، އެކަމަކު ކުރަންފެށި ޒަމާނެއް އެގޭކަށް ނެތްމެއޭ...." މިފަދައިންނެވެ.
           މިއީ ވާހަކަ ކިޔާދޭ ޢިބާރާތަށް ބޮޑަށް ބުރަވެފައިވާ ވާހަކައެކެވެ. ސިފަކޮށްދިނުމުގައި ޖުމްލަތައް ދިގުނަމަވެސް ބަލާޣާތްތެރިކަމެއް ނުކެނޑެއެވެ. ޖުމްލަތައް ދިގުވެފައިވަނީ އެޒަމާނުގައި އަދި އެހާގިނައިން ވާހަކަލިޔަމުން ނުދިއުމާއެކު ސާދާ ޢިބާރާތް ބޭނުންކުރުން އެވަރަށް ތަރައްޤީވެފައި ނެތުމުންނެވެ. ނަމަވެސް ވާހަކާގައި ކަމަކަށްފަހު ކަމެއް ސިލްސިލާވަމުން އަންނަ ބީދައިން ހާދިސާ ސިފިކޮށްދެއްވާފައިވެއެވެ. މިއީ އެޒަމާނުގައި ވާހަކައެއް ކިޔާދިނުމުގައި އެންމެ މަޤުބޫލްގޮތްކަމަށް ވުމަކީވެސް އެކަށީގެންވާ ގޮތެކެވެ. ދެން މި ވާހަކާއިގެ އެހެން ތަންކޮޅެއް ވިދާޅުވަމާ ހިންގަވާށެވެ.
           "މިވީ ކަމަކީ ކީރިތި މަހާާރަދުންގެ އަރުމާޒު ބުރުނީކަނޑުން ވަދެގެން އަންނަންފެށީއެވެ. ރަދުންނާއި ރަދުންގެ ޚަވާޞުން ވަޑައިގަންނަވާ އިސްޓީމް ލާންޗްކޮޅާއި ދައުލަތުގެ ބޮޑުން ވަޑައިގަންނަވާ ލާންޗްކޮޅު ރީތިކޮށް ފެންނަންފަށައިފިއެވެ. މިއިން ކޮންމެ ލާންޗެއްގައި ގާތްގަނޑަކަށް ބާވިހަކަށް ރިޔަން ހުންނާނެއެވެ."
            މިވާކައިން ސިފަކޮށްދެނީ މިޒަމާނުގައި ދައުލަތުގެ ވެރިން ރަށްރަށަށް ވަޑައިގަންނަވާއިރު އެބޭފުޅުންނަށް މަރުޙަބާދެނެވުމަށް ރައްޔިތުން އުޅޭ ގޮތެވެ. އެބޭފުޅުންގެ ދަތުރުތައް ހުންނަގޮތާއި ދަތުރުކުރައްވާގޮތެވެ. އެހެންކަމުގައި ވާނަމަ އެޒަމާނުގައި ލިއެފައިވާ ވާހަކައަކުން މިޒަމާން ސިފަކޮށްދީފައިވަނީ ވަރަށް ފުރިހަމައަށެވެ. މިނޫނަސް މި ވާހަކާގައި މިޒަމާނުގައި އެކިކަހަލަ މުބާރާތްތަށް ބޭއްވޭގޮތާއި ވާދަކުރާ ފަރާތްތަކަށް ސާބަސްދޭގޮތް މިވާހަކާގައި ގެންނަވާފައި ވެއެވެ. އަދި ބޮޑެތި ރަސްމިއްޔާތުތަކަށް ބޭރުގެ ސަފީރުން ވަޑައިގަނެގެން އުޅުއްވާގޮތް ލިއުއްވާފައިވެއެވެ. މިއީ ފަސްދޮޅަސް އަހަރު ފަހުން ކަންތައްތައް ހުންނާނެގޮތް ސިފަކޮށްދީފައިވާ ވާހަކައެކެވެ.
                      ދިވެހި ވާހަކަލިއުމުގައި އެންމެކުރިއަރައިފައިވާ އަދީބުންނަށް ބަލާލާއިރު ސުމުއްވުލް އަމީރު މުޙަންމަދު އަމީން ދޮށިމޭނާކަލޭގެފާނު ހިމެނިވަޑައިގަނެއެވެ. އެމަނިކުފާނުގެ ހިނގާ ގަލަންކޮޅަކީ ހާދިސާތައް ސިފަކޮށްދިނުމުގައި ވާހަކަ ނިމެންދެން އެއްވެސް ފޫހިކަމެއްނެތި ހިންގަވާ ގަލަންކޮޅެކެވެ. އެ މަނިކުފާނަކީ ދިވެހި އަދީބުންކުރެ ފަށުވި ޢިބާރާތުން ކަންތައްތައް ބަޔާންކުރުމުގެ ނަމޫނާއެކެވެ. އަދި މިހާރުގެ ލިއުންތެރިންވެސް ވާހަކަލިއުމާއި ސިފަކޮށްދިނުމުގައި ތަބަޢަވަމުންއަންނަ އުސްތާޛެކެވެ. އެމަނިކުފާނުގެ ގަލަންކޮޅުން ސިފަކޮށްދެއްވާފައިވާ ވާހަކަތަކުގެ ތެރެއިން ހިތާއި ސިކުނޑީގެ ލޯބި، ހަސީނާގެ ހިތާމަ ފަދަ ވާހަކަތައް ފާހަގަކުރެވެއެވެ. ހަސީނާގެ ހިތާމަ އެމަނިކުފާނު ފައްޓަވާފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
           "ހަވީރުގެ އަނދިރިކަން ދުނިޔެމައްޗަށް ގަދަވަމުން އެހަރަދަނީއެވެ. ރޭގަނޑާއި ދުވާލު ވަކިކުރާ ގަދަފަދަ އިރު، އެއްދުވަހުގެ މަސައްކަތް ފުރިހަމައަށް އަދާކުރުމަށްފަހު، ގޮސް އުދަރެހާ އެހެރަ ނިވާވަނީއެވެ. ދުވާލު ހަތަރުދަމު އަހަރެމެންގެ ބޯމަތީ ނަށަނަށާއޮތް އަޅިކުލަޔާއި، ނޫކުލަޔާއި ހުދުކުލާގެ ވިލާތައް މަޑުމަޑުން އެހަރަދަނީ ބަދަލުވަމުންނެވެ..."
           މިއީ މި ވާހަކަ މުޙައްމަދު އަމީން ފައްޓަވާފައިވާ ގޮތެވެ. ގުދުރަތީ މަންޒަރަކާއި މިވާހަކާގައި އުޅޭ ޙަސީނާގެ ޙާލަތާ ގުޅުވަމުންނެވެ. ދުވާލުގެ އިރުއޮއްސޭފަދައިން ހަސީނާގެ ހަޔާތުގެ އިރުވެސް އޮއްސެމުންދާކަން ދޭހަކޮށްދިނުމުންނެވެ. މުޙައްމަދު އަމީނަކީ ސިލޯނުން ތަޢުލީމް ޙާޞިލްކުރެއްވި ބޭފުޅަކަށްވުމާއެކު ވާހަކާގައިވާ ސިފަކުރުންތަކުންވެސް އެ މަނިކުފާނުގެ ތަޢުލީމީ ފެންވަރު ވަޒަންކުރެވެއެވެ. އަދި ހަމައެއާއެކު ދިވެހި ވާހަކަތަކުގައި މިޒަމާނުގެ ސިފަކުރުމުގެ ކުލަތައް ފުރަތަމަ ޖެއްސެވި ބޭފުޅަކީ ޝައްކެއްވެސްނެތްގޮތުގައި މުޙައްމަދު އަމީނެވެ. ދިވެހި ވާހަކަތަކުގައިވާ މުސްކުޅި ގޮތްގަނޑު ކަނޑުވާލާ ކިޔާމީހުން ޝައުޤުވެރިކުރުވުމަށް ފަށުވި ޢިބާރާތުން އެންމެ ފުރަތަމަ ސިފަކުރައްވަން ފެއްޓެވި ބޭފުޅަކީ މުޙައްމަދު އަމީނެވެ.
          ދިވެހިވަންތަ، ދިވެހިން އެންމެ އަޑުއަހާހިތްވާ ވާހަކައަކީ ޔަޤީނުނުންވެސް މަޝްހޫރު ބޮޑުތަކުރުފާނު ވާހަކައެވެ. އެއީ ތާރީޚީ ހާދިސާތަކެއްގެ މައްޗަށް ހެދިފައިވާ ފުލޯކުވާހަކައެކެވެ. އަދަބީ ތަރިކައެއްވެސް މެއެވެ. އެ ވާހަކަ ލިޔެފައިވަނީ ބުރާރަ މުޙައްމަދުފުޅު ކިޔާގޮތަށެވެ. ވާހަކަ ލިޔުއްވާފައިވަނީ ފީބޯ އިބްރާހިމް އިސްމާއީލެވެ. މިއީ އިހުގައި ވާހަކަކިޔާއުޅޭ މުސްކުޅިގޮތަށް ލިޔެފައިވާ ވާހަކައެކެވެ. ތާރީޚީ ހާދިޡާތައް ހިތަށް ގެންނަން ފަސޭހަވާގޮތަށް ސިފަކޮށްދީފައި ވެއެވެ. ސިފަކޮށްދިނުމުގައި މީހުން މުނިފޫހިފިލާގޮތަށް މަޖާ ގޮތްގަނޑު ވާހަކާގައި ގެނެސްފައިވެއެވެ. މުޙައްމަދުތަކުރުފާނުގެ ދުވަސްވަރު ދިވެހިރާއްޖޭގެ ކަންތައްތައް ހުރިގޮތާއި މީސްމީހުން ކަންތައްތައް ކޮށްއުޅޭ ގޮތާއި ދަތުރުފަތުރު ހުރިނެތްގޮތް ބުނެދީފައިވެއެވެ. ދެން މިވާހަކައިންވެސް ތަންކޮޅެއް ކިޔާލަމާތޯއެވެ.
         "އަމުނާލާފައި ދުވާފަރުކޮއި ބުނެތްޕޭ ތަކުރާވޭ، ތަކުރު އެއްފަތި ހިފަހަރޭ، ތިމަން އަނެއްފަތި ހިފާނަމޭ. އެހެންކިޔާ އެތަކުރު ކޮނޑުގައި އެއްފަތި ބޭއްވިޔޭ އަނެއްފަތި ދުވާފަރުކޮއި ހިފަތްޕޭ. ހިފައިގެން ގެނެސް އަށިދޮށަށް ދެފަތި ގަބުޅި ވައްޓާލައި ގަބުޅިތައް ވަކިވަކިކޮށްލައި މިހެން ހިގައިދާ ކުދިންނަށް އެއްގަބުޅިން ދެގަބުޅިންދީ ތިންގަބުޅި ނޫން ދެންހުރި ހުރިހައި ގަބުޅި ކުދިންނަށް ބަހާފައި ދުވާފަރުކޮއި އެއްގަމަށް ހިގައްޖޭ."
          މިތަނުގައި ސިފަކޮށްދީފައިވަނީ ފޭދޫތަކުރު ވާރުނަގަން އުތީމަށް އައުމުން އެތަކުރު ބިކަހާލުގައިޖެއްސުމަށް ދުވާފަރު ދަންޑަހެލު ކުރި މަސައްކަތެވެ. ވާހަކަ ކިޔަމުންދާއިރުވެސް މި ވާހަކާގެ ސިފަކުރުމުގައި އެކުލެވިފައިވާ މަޖާ ގޮތްގަނޑު ފެނިލައްވާނެއެވެ. މިވާހަކަ ދިވެހިންގެ ތެރޭގައި އެހައި މަޤްބޫލް އެއްޗަކަށްވެފައި ވަނީވެސް އެހެންވެގެންނެވެ. ސީދާ ތާރީޚީ ހާދިސާތަކެއް ކިޔާދިނުމުގެ ބަދަލުގައި ވާހަކައެއްގެ ގޮތަށް ސިފަކޮށްދިނުމަކީ އެހެންމީހުންވެސް ޝައުޤުވެރިވާނެ ކަމެއްކަން ކަށަވަރެވެ.
          ތާރީޚީ ޙާދިޡާއެއް ފުލޯކު ވާހަކައެއްގެ ގޮތުގައި ވަރަށް ގިނަ ފަހަރު ލިޔެވިފައި އެބަހުއްޓެވެ. އެއަށް ވާހަކައެއްގެ ޝަރުޠުތައް ހަމަކުރަން ބޭނުންނަމަ ސިފަކުރުމުގެ ބައި ގެންނަންޖެހެއެވެ. ބޮޑުފެންވަޅުގޭ ސީދީ ލިއުއްވާފައިވާ މާމަކުނުދޫ ބޮޑުޢީސަގެ ވާހަކައަކީވެސް މިފަދަ ވާހަކައެކެވެ. މި ވާހަކަ ލިއުއްވަން ފައްޓަވާފައިވަނީ ހިޖުރައިން 1362  
ވަނަ އަހަރު ޞަފަރުމަހު 15 ވަނަ ދުވަހުއެވެ. އެ ވާހަކައާމެދު ބޮޑުފެންވަޅުގޭ ސީދީ ވިދާޅުވެފައިވަނީ މިފަދައިންނެވެ.
         "މިއީ އޭނާގެ، މާމަކުނުދޫ ބޮޑުޢީސަގެ، އުޅުންހުރިގޮތާއި އެރަށުގެ އާދަކާދަތަކާއި، ދަތުރުފަތުރުކޮށްއުޅޭ ގޮތް، ގާތްގަނޑަކަށް ހަމަހުރިގޮތޭ ބުންޏަސް ދޮގަކަށް ނުނާނެއެވެ."
          މިވާހަކައިގެ ކުރީކޮޅު ބޮޑުޢީސަ ބަތްކާންއިންނަގޮތް ސިފަކޮށްދީފައިވަނީ އަންނަ ޢިބާރާތުންނެވެ.
          "ދަލޭކަ: އާނ، އާނ، މިދަނީ، މި ދަނީ، މިހެން ކިޔަމުން ދުވެފައި ކަހަލަ ގޮތަކަށް އައިސް، ބޮޑުއަށިމަތީގައި ސުފުރާއަކަށް އަޅާެފައިއޮތް (ބަނގަލާ ބޯޓު ރިޔާގަނޑެއްހެން ހީވަނީ) ބާ ފޮތިގަނޑެއްގެ މަތީގައި ބަތްތަށި ބަހައްޓާފިއެވެ. އޭރުވެސް ބޮޑުއަށިމަތީ ހިތާމަވަޅުގަނޑުގައި ދެފައި ވަށްކޮށްގެން ބޮޑުޢީސަ ކާންއިނެވެ.
           އާމިނަތު: ކާސިމާ، ދެންދަގަ ކާން، މިހެން ބުނިއިރު ބޮޑުއީސަގެ އަގަޔަށްލީ މަސްގަނޑެއްގެ ބޮޑުކަމުން އަނގަ ހަލާލުމަށްވެސް ކުޑަކޮށް އުނދަގޫވެގެން ގޮތްގޮތަށް ބޯއަރިކޮށްކޮށް އިނެވެ."
            މިއީ ބޮޑުފެންވަޅުގޭ ސީދީ ލިއުއްވާފައިވާ ސައްތައިން ސައްތަ ދިވެހި ވާހަކައެކެވެ. ދިވެހިންގެ ދިރިއުޅުން ސިފަކޮށްދިނުމުގެ ނަމޫނާއެކެވެ. ރާއްޖެތެރޭގައި ދަތުރުފަތުރުގެ ކަންތައްތައް ހުރިގޮތާއި، ކަންވެރިކަންކުރާ ގޮތާއި ރޮދުއަޅާގޮތާއި މަސްވެރިކަމުގެ ކަންތައްތައް ވަރަށް ރަނގަޅަށް ބުނެދެއްވާފައިވެއެވެ.
            ލޯބީގެ ވާހަކަތައް ލިއުމުގައިވެސް ދިވެހި އަދީބުންނަކީ ވަރަށް ފުންނާބުއުސް ބަޔެކެވެ. އެބޭފުޅުންގެ ގަލަންކޮޅު ހިންގަވާލައްވާ ކޮންމެ ދާއިރާއެއްގައިވެސް ކަންތައްތައް ސިފަކޮށްދިނުމުން އެއްކިބާވެވަޑައިނުގަންނަވައެވެ. ލޯބީބެ ޝުޢޫރުތައް ފާޅުކޮށް އެކަން ސިފަކޮށްދިނުމުގައި ދިވެހި އަދީބުން ވަށައިގެންވާ މާޙައުލުން އެ އަސަރުތައް ހާމަވާފަދަ ގޮތަކަށް ސިފަކޮށްދެއްވާފައިވެއެވެ. މިފަދަ ލޯބީގެ ވާހަކައެއްކަމަށްވާ މުޙައްމަދު ޖަމީލްދީދީ ލިއުއްވާފައިވާ ޙުސްނީ ނުވަތަ ކެހިވެރި ލޯބި ވިދާޅުވެލައްވާށެވެ. މިވާހަކަ ފެށިފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.
           "....... ގަޑިން އެއިވަނީ މެންދަމުންއަލިވެ ތިނެއްޖެހި އަޑެވެ. ހިމޭންކަމާއި މަޑުމާތިރިކަން ރަށުތެރެއަށްވަނީ ފެތުރިފައެވެ. ގަސްތަކުގެ ފަތްތައްވެސް ވައިރޯޅި ކިޔާދޭ މަޑުމޮޅި ރާގަށް އެ ނަށާ ނެށުންތައްވަނީ ހުއްޓާލައިފައެވެ. ރޭގަނޑުގެ ފުރަމެންދަމެއްގައި، ކުދިކުދި ސޫފާސޫފި އެކި އަޑުއަޑުންގޮވާ ގޮވުންތަކާއި ކިޔާ ތަސްބީހަތަކުގެ އަޑުވެސްވަނީ މަޑުވެފައެވެ.
            'މާތޮޑާ'ގޭ ....... ދެކުނުފަރާތު ދޮރުމަތީގައިހުރި ޖަންބުގަހެއްގައި އެލުވާލާފައިހުރި އުނދޯލި، މަޑުމަޑުން ހެއްލައިލަ ހެއްލައިލައި، ކަނާތުން އުނދޯލި ވަލުގައި ހިފަހައްޓާލައިގެން، އެގޭ 'ޢަޒީޒާ'...... އެއިނީ ހަމަ ގައިމުވެސް ބޮޑު ފިކުރެއްގަިތާއެވެ."
             މި ވާހަކަޔަކީ ލޯބީގައި ދިމާވާ މަޑުމޮޅިކަމާއި ޢާއިލީ ގުޅުންތަކުން އެކަމަށްއެޅޭ ހުރަސްތަކާއި އެފަދަ ކަންކަމާމެދު ރަޙުމަތްތެރިންގެ ދައުރު އޮންނަ ގޮތް ސިފަކޮށްދެއްވާފައިވާ ވާހަކައެކެވެ. ލޯބީގެ އިޙުޞާސްތައް ބަޔާންކުރެއްވުމުގައި އަޚުލާޤީ ޙުދޫދުން ބޭރަށް ވާހަކައިގެ މުޞައްނިފް ވަޑައިގެންފައެއްނުވެއެވެ. ނަމަވެސް މިޒަމާނުގެ ވާހަކަލިއުންތެރިން ދެކިލައްވާގޮތުގައި ޔޫރަޕުގެ ވާހަކަތައް ފަދައިން އަޚުލާޤީގޮތުން ހަޑިހުތުރު ކަންތައްތަކެއް ސިފަކޮށްނުދޭނަމަ ވާހަކައިގެ ޝައުޤުވެރިގަން ގެއްލިގެންދާނެއެވެ. ވީއިރު އެ ހުރިހައި ކަމަކަށް މި ވާހަކައިގެ މުޞައްނިފް މިވަނީ ގޮންޖައްސަވާފައެވެ.
             ސިފަކޮށްދިނުމުގައި އަސަރުހުރި ވާހަކައެއް ހޯދާނަމަ ސައިކުރާ ނަޢީމުގެ 'މަންމަ' ވާހަކަ ވިދާޅުވެލައްވާށެވެ. މައިވަންތަކަމުގެ ކުލުނާއި ދަރިންނަށްޓަކައި އެމީހުންވާ ޤުރުބާނީ ސައިކުރާ ނަޢީމު އެ ވާހަކައިގައި ސިފަކޮށްދެއްވާފައިވަނީ މީގެކުރިން އެއްވެސް ވާހަކައެއްގައި އެފަދަ ކަމެއް ސިފަކޮށްދެވިފައިނުވާހާ ފުރިހަމަކޮށެވެ. ވާހަކަ ނިމޭކޮޅުން ތަންކޮޅެއް ވިދާޅުވެލައްވާށެވެ.
            "ބަޝީރަށް ރޮވިއްޖެއެވެ. އެއީ ޖެހިގެންހުރި 'ގަނޑުވަރު'ގައި އޭނާ އިއްޔެ ރަސްކަންކުރަމުން ދިޔައިރު މިތާނގަ އޭނާގެ މަންމަ އޮންނާނޭ ޙާލު ހިތަށްއަރާފައެވެ. ރޯނޭވަރު ހީވެފައެވެ. އޭނާ ކޮޓަރިތެރެ ވަށައިގެން ހީޯދާ ބަލާލިއެވެ. ދާދި ކައިރީގައި ހުރި ގޮނޑިއެއްގެ މަތީގައި ލަކުޑި ފޮއްޓެއް ހުއްޓެވެ. ފޮށިފެނުމާއެކު އޭނާގެ ހިތްދިޔައީ އިރައިގެންނެވެ. މޭދިޔައީ ވިރިގެންނެވެ. އެއީ އޭނާގެ މަންމަގެ ފޮށިކަން އެގިއްޖެއެވެ. އެއާއެކު އޭނާގެ ޅަދުވަސް ހަނދާންވެގެން ކުރިމައްޗަށް އަތުވެއްޖެއެވެ. ފޮށިކައިރީގައި ކަރުދާސްގަނޑެއް އޮއްވައިވެސް ފެނިއްޖެއެވެ. މަޑުމަޑުން އެދިމާއަށް އަތްދިއްކުރަމުން ގެންގޮސް އެ ކަރުދާސްގަނޑު ނަގާފިއެވެ. އެއްއަތުން އެތައް މަސައްކަތުން އެ ކަރުދާސްގަނޑު ނިއުޅާލާފައި ބަލާލިއެވެ. އެއީ...... އޭނާ މަރުވެއްޖެކަމަށް ރޯދޮގުހަދާފައި އޭނާގެ އަތުންލިއެފައި އޭނާގެ މަންމައަށް ފޮނުވި ސިޓީއެވެ. އޭނާގެ މަންމަގެ 'މަރުގެ ސިޓީ' އެވެ."
             މި ވާހަކާގައި ދަރިއެއްގެ ހުރި ރަޙުމެއްނެތްކަމާއި މައެއްގެ ހުރި ކެތްތެރިކަން ވަރަށް ފުރިހަމައަށް ސިފަކޮށްދެއްވާފައިވެއެވެ. ބަޝީރުގެ ނަސީބުގެ ތަރި ހޮނު ގުގުރިއަކާއެކު އޮއްސުނުގޮތް ވަރަށް މޮޅަށް ގެނެސްދެއްވާފައި ވެއެވެ. ދަރިއަކު ބޮޑުވެ މުއްސަދިވެ ކެޔޮގަނޑު ކަނޑާލުމުން ގަހުގެ ބޭނުމެއްނެތޭ ބުނާގޮތް މުޅި ވާހަކާގައި ސިފަކޮށްދީފައި ވެއެވެ.
             މިހާރުގެ ވާހަކަތަކަށް ބާލާއިރު ބިންމާ އިބުރާޙިމް ވަޙީދުގެ ވާހަކަތަކަކީ ކިއުންތެރިންގެ މަޤްބޫލުކަން ވަރަށް ބޮޑަށް ލިބިގެންދިޔަ ވާހަކަތަކެކެވެ. ބިންމާގެ ވާހަކަތަކުގައި މާޙައުލު ސިފަކޮށްދެއްވާފައިވަނީ ވަރަށް ކުޑަކޮށެވެ. ނަމަވެސް ޞަޚުޞިއްޔަތު ސިފަކޮށްދިނުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދެއްވާފައިވެއެވެ. ބިންމާގެ ވާހަކަތަކުގެ ތެރެއިން 'ލޯބީގެ ހަދިޔާ' މި ވާހަކައިން ތަންކޮޅެއް ވިދާޅުވެލައްވާށެވެ.
            "އެ ކަރުދާހުގެ ނޫޓުގައިވަނީ ފެދިފައިވާ ލޭތިކިތަކެވެ. ތަމަންނާގެ ކަޅި ހުއްޓިފައިވަނީ އެއަށެވެ. ތަމަންނާއަށްޓަކައި މީހަކު އޮހޮރާލި އެއްޗެއްކަމަށް ހީވެގެންނޫނެވެ. މީހެއްގެ ހިތްވަރަށްޓަކައި ބަސްހުއްޓިފައެއްވެސް ނޫނެވެ. ދެން ބޭނުންކުރެވެނެކަމާމެދު ޝައްކުއުފެދެނީއެވެ. އެއީ ލޭގެ ސަބަބުން ބޭކާރުވެފައިވާ އެއްޗެއްކަމަށް ހީވަނީއެވެ. ތަމަންނާ އެ ނޫޓް ނެގިއެވެ. ނޭފަތާ ގާތްކޮށްލިއެވެ. އެހިނދު މިނި ލޭގެ ތޫނުވަސް ތަމަންނާގެ ސިކުނޑީގެ ނާރުތަކާ ކުޅެލިއެވެ. ތަމަންނާގެ ދިގު އެސްފިޔަތައް ބަރުވެގެންދިޔައެވެ."
            މި ވާހަކައިގައި ސިފަކޮށްދީފައިވަނީ ޞަޚުޞިއްޔަތެވެ. ބިންމާގެ ވާހަކަ ތަކުގައި ކަންތައްތައް ސިފަކޮށްދެއްވާފައި ހުންނަނީ ދެންވާނީ ކިހިނެއްބާވައޭ އަބަދުވެސް ހީވާފަދަ ބީދައިންނެވެ. ކިއުންތެރިން އަބަދުވެސް ވާހަކައިގެ ދެން އޮންމަ ބަޔަށް އަބަދުވެސް އިންތިޒާރުކުރުވަމުންނެވެ. ހަވީރު ނޫހުގެ ބުދަދުވަހުުގެ ޢަދަދު އަވަަށް ވިކިހުސްވާން މެދުވެރިވާ ސަބަބަކީވެސް މިއެވެ. ބުދަދުވަހުގެ ޢަދަދުގައި ޝާޢިރުކުރެވޭ ބިންމާ ވަޙީދުގެ ވާހަކަތަކެވެ.

ނިމުން

           ދިވެހި ވާހަކަތަކުގެ އަޞްލަކީ ސިފަކުރުމެވެ. ވާހަކައެއްގައި ސިފަކުރުމުގެބައި ނެތްނަމަ އެއަކަށް ވާހަކައެކޭ ނުކިޔޭނެއެވެ. ޑައިރީއެކޭ ބުނެވިދާނެއެވެ. ހާސަރުތަކެކޭވެސް ބުނެވިދާނެއެވެ. ވާހަކައިގެ މަންޒަރުތައް ސިފަނުކުރެވޭނަމަ ކިއުންތެރިން ވާހަކަމަތިން ފޫހިވާނެއެވެ.
           ވާހަކަ ސިފަކުރުމުގައި ތަފާތު ގޮތްތައް ހުރެއެވެ. އެކި ލިއުންތެރިން ބޭނުންކޮށްފައިވަނީ އެކިގޮތްގޮތެވެ. ބައެއް ލިޔުންތެރިންނާއި އަދީބުން ސަމާސާގޮތް ބޭނުންކުރައްވާފައިވެއެވެ. ބާއެއް ލިޔުންތެރިން ފަށުވި ޢިބާރާތް ބޭނުންކުރައްވާފައިވެއެވެ. އަދި ބައެއް ލިއުންތެރިން ލޯބީގެ އަސަރުތަކުން ވާހަކާގައި ތަފާތު ކުލަތައް ޖައްސުވާފައިވެއެވެ. އަދި ބައެއް ލިއުންތެރިން މާޙައުލު ސިފަކޮށްދިނުމުގެ ބަދަލުގައި ޞަޚުޞިއްޔަތަށް އިސްކަންދެއްވާފައިވެއެވެ. ވާހަކައިގެ ކުރިޔަށް އޮންނަ ކުންނުގެ މައްޗަށް ކިއުންތެރިން އަބަދުވެސް ޝައުޤުވެރިކުރުވާފައިވެއެވެ. ހުރިހައި ގޮތަކަށް ބެލިނަމަވެސް ވާހަކައިގެ މައިގަނޑު އަޞްލަކީ ސިފަކޮށްދިނުމެވެ.
                                                          = ނިމުނީ =

No comments:

Post a Comment