މެންދަންވުމާއެކު
އިބިލީސް އޭނާގެ ތަޚުތު ފުރާތުކޯރުގައި ފެނުގެ ސަޠަޙަމަތީ ބެހެއްޓިއެވެ. އަދި
ޒާތެއްގެ އަޑަކުން ހޭރިގަތުމާއެކު އޭނާގެ އައުލާދު އެކި ދިމަދިމައިން ތެޅެމުން
ފޮޅެމުން އެތަނަށް އަތުވެއްޖެއެވެ. އެންމެން އައިސް ހަމަވުމުން އިބިލީސް
ތަޚުތުގައި އިށީދެ އެރޭގެ ދަރުބާރު ފަށާގަތެވެ. ފުރަތަމަ އޮތީ އެދުވަހު މީހުން
މަގުފުރެއްދުނުވަރު ބަލައި އިމްތިޙާނުކުރުމެވެ.
ފުރަތަމަ ދަރި
ބުންޏެވެ. "މިއަދު ހަވީރު ބަޣުދާދުގެ ސައިހޮޓަލެއްގައި ތިބި ދެމީހަކަށް
ތިމަންނާ ވަސްވާސްދީގެން ދެމީހުން ދެބަސްވެ އަރާރުންވާންޖެއްސީމެވެ. އެންމެފަހުން
އޭގެ ތެރެއިން އެކަކު އަނެކަނު ޤަތުލުކޮށްފިއެވެ." ބޮޑު އިބިލީސް "އާނ
ރަގަޅޭ، ރަގަޅޭ" ބުނެ ފުއްދާލިއެވެ.
ދެވަނަ ދަރި ތެދުވެފައި ބުންޏެވެ.
"ބަޞަރާގެ ފިހާރަޔަކު ފިހާރައެއްގެ ސޭޓަކަށް އިން ފިރިހެންކުއްޖަކަށް
ވަސްވާސްދީގެން އެ ފިހާރާގައި ހުރި ފައިސާކޮޅަށް ޚިޔާނާތްތެރިވާން
ޖެއްސީމެވެ." ބޮޑު އިބިލީސް މިފަހަރުވެސް ވަރަށް އާދައިގެ ގޮތަކަށް "އާނ
ރަގަޅޭ، ރަނގަޅޭ" ބުނެ ފުއްދާލިއެވެ.
ހުރިހައި އެންމެންގެ ރިޕޯޓުއިއްވާ
ނިމުނުއިރު އެންމެ ފަހަށް އިނީ ގުދު ދަރިއެވެ. ބޮޑު އިބިލީސް ގޮސް ގުދު އިބިލީހުގެ
ބޮލުގައި ފިރުމާލާފައި އެބަ ބުނެއެވެ. "ދަރިފުޅާ، ދަރިފުޅަށް އެއްވެސް ކަމެއް
ކުރެވުނު ހެއްޔެވެ. މަގޭ މި ދަރީގެ ގުދުކަމާއި ކޮރުކަމުން ހަމަ ކަމެއްނުވަނީއެވެ."
ގުދު އިބިލީސް
ބުންޏެވެ. "މަށަށް މިއަދު ހެދުނު ފެނުނީ ކުއްޖަކު ކިޔަވަން އެދުރުގެޔަށް ދަނިކޮށެވެ. މަ އެކުއްޖާޔަށް ކައިރީގައި ކުޅެންތިބި ކުދިބަޔަކު ދައްކައި ކިޔަވަން ދިޔަޔަކަ ނުދިނީމެވެ." ގުދު ސޮރު
ހަމަ މިހެން ބުނާއިރަށް ބޮޑު އިބިލީސް "ސާބަހޭ ދަރިފުޅާ"
އޭ ބުނެ ގުދު ސޮރު ނަގައި ކޮނޑަށްލައިފިއެވެ. އަދި
އޭނާގެ އެހެން ދަރިންނަށް ބުންޏެވެ. "ދަރިންނޭވެ. އިންސާނަކު
މަގުފުރައްދަން ކުރެވެން އޮންނަ އެންމެ މޮޅުކަމަކީ ކިޔެވިޔަ ނުދިނުމެވެ. މީހަކު ކިޔަވާ މޮޅުވެއްޖެނަމަ ދެން
އެމީހަކު މަގުފުރެއްދުން ވަރަށް
އުދަގޫވާނެއެވެ. އެއްޗެއް ނޭގޭމީހަކު މަތިމަތިން ކިތަންމެ މާތް ސިފައެއްޖެހިގެން ހުރި
ކަމުގައި ވީނަމަވެސް އެމީހަކު މަގުފުރައްދާ ނަގައިލުމަކީ ހަމަ އެއްވެސް ކަމެއްނޫނެވެ. ތިޔަކުދިންނަށް މިކަން
މިރޭ ދައްކާނަމެވެ. ދެން މިރޭ އޮންނާނީ ފިލާވަޅުގެ ޕްރެކްޓިކަލްއެވެ. ހުރިހައިކުދިން
ދަމާ އަންނާށެވެ."
ބޮޑު އިބިލީސް މިހެން ކިޔާފައި
އޭނާގެ ދަރިންތައް ގޮވައިގެން ބަޢުދާދުގެ މިސްކިތަކާ ހިސާބަށް ހިގައްޖެއެވެ. އަދި
އޭނާގެ ދަރިންނަށް އެ މިސްކިތުގައި ރޭއަޅުކަމުގައި ހުރި މީހަކު
ދައްކާފައި ބުންޏެވެ. "އެހެރީ މީހުން ރޭއަޅުކަން ކުރާތީ މިސްކިތަށް
އަރައިހުރި މީހެކެވެ. އެކަން ދަސްކޮށްގެންހުރި މީހެއްނޫނެވެ.
ބަލަންތިބޭށެވެ."
އިބިލީސް މިހެން ކިޔާފައި މަޑުމަޑުން
މިސްކިތައްއަރައި އެއްކަލަ މީހައިގެ ފަހަތުން ސަލާން ގޮވާލާފިއެވެ. ހަމަ ވަގުތުން
އެމީހާ ސަލާމަށް ޖަވާބުދިފިއެވެ. އިބިލީސް ބުންޏެވެ. "ބަލަ ކަލޭގެ
ޒާހިދުކަމާއި ވަރަޢަވެރިކަމަށްޓަކައި މާތް ރަސްކަލާނގެ މިޢުރާޖުއެރުމަށް
އަންގަވާފިއެވެ. މަށަކީ ޖިބުރީލްގެފާނެވެ. އަހަރެން މިއައީ ކަލޭ ބަލަޔެވެ.
އަވަހަށް އަންނާށެވެ." އިބިލީސް ހަމަ މިހެންބުނާއިރަށް އެއްކަލަ މީހާ
ހަށަންމޮހާލާފައި
މިސްކިތުންފައިބާފިއެވެ.
އޭރު ގުދުސޮރު މިސްކިތު ހަރިންމަ ތެރޭގައި ހަތަރުމޮއްގަނޑުޖަހައިގެން އޮތެވެ. ބޮޑު
އިބިލީސް ގުދުސޮރު ދައްކާލާފައި ބުނެފިއެވެ. "އެ އޮތީ ބުރާގެވެ. އެކަމަކު
މިޢުރާޖު އަރަންވާނީ ސުވަރުގޭގެ ސުންދުސް ފޭރާމުގައެވެ. ވީމާ ލައިގެންހުރި ހެދުން
ބައިލާށެވެ."
އެއްކަލަ މީހާ ހެދުންތައް ބާލާފައި
ގޮސް ގުދުސޮރު ބުރަކަށިމަތީގައި އިށީދެއްޖެއެވެ. ބޮޑު އިބިލީސް އައިސް ގުދުސޮރު
ބުރަކަށިމަތީ އެތިފަހަރެއްޖަހާއިރަށް ކަޑަބޮށްޖަހާފައި ދުއްވާގަނެފިއެވެ. ގުދުސޮރު
ކަޑަބޮއްޖަހާފައިގޮސް ބަޣުދާދު ރަށްބޭރުން ޖަންކްޝަން ވަޅުގަނޑަކަށް
އަޅުވެރިކަލޭގެ ވައްޓާލައިފައި ދުވެފިލާފިއެވެ. ދެން އެންމެންގޮސް ފުރާތުކޯރުގެ
ކައިރިޔަށް ޖަމާވުމުން އިބިލީސް ބުންޏެވެ. "މިރޭގެ ދަރުބާރު ނިމުނީއެވެ. ދެން
އޮތީ މާދަމާ ރެއެވެ."
ޖެހިގެން އައި ރޭވެސް އެންމެން
ހަމަވުމުން ބޮޑު އިބިލީސް ބުންޏެވެ. "ކުދިންނޭވޭ. މިރޭ މިދަނީ ކިޔަވައިގެން
ހުރި މީހެއްގެ ކައިރިއަށެވެ. ކޮންމެ ކުއްޖަކުވެސް ސަލާމަތްވާން
ވިސްނާންވާނެއެވެ."
މިހެންކިޔާފައި ބަޣުދާދުގެ ބޮޑު
ފަނޑިޔާރުތަކުރުފާނުގެ ގެޔަށް ހިގައްޖެއެވެ. ދަމުނަމާދާމެދު ވަގުތުކޮޅެއް
އޮތުމާއެކު ބޮޑު ފަނޑިޔާރުތަކުރުފާނު އޮންނެވީ ނިދިއަވަހާރަފުޅުގައެވެ. ބޮޑު
އިބިލީސް ގޮސް ފަނޑިޔާރުތަކުރުފާނުގެ ކަންފަތްބުޑުގައި "އައްޞަލާތު ޚައިރުއް
މިނައްނައުމު" އޭ ކިޔާފައި ހަޅޭލަވާގަތެވެ. ފަނޑިޔާރުތަކުރުފާނު
ތެދުވެވަޑައިގެން ވިދާޅުވިއެވެ. "ދަމުނަމާދު ވަގުތުވެސް ނުޖެނީސް
ކަންފަތްދޮށުގައި ހަޅާލަވަނީ ކާކުހެއްޔެވެ." ބޮޑު އިބިލީސް ބުންޏެވެ.
"މިހާރު އިރުއަރަން އުޅެނީއެވެ. އަވަހަށް ދަމުނަމާދަށް
ތެދުވެވަޑައިގަންނަވާށެވެ." މިހިސާބަށް ބުނަންވާއިރަށް ފަނޑިޔާރުތަކުރުފާނު
ހަޅޭލަވާގަންނަވާފިއެވެ. "ކޮން އިރެއްއަރާކަށް ކޮން ތަނަކު ޝައިޠާނެއް
ހެއްޔެވެ. ފާރަވެރިންނޭވެ، މި ގެއަށް ޑަކައިތުންގެ ބަޔަކު ވަދެއްޖެއެވެ."
ފަނޑިޔާރުތަކުރުފާނު މިހެން ވިދާޅުވާއިރަށް
ހުރިހައި އިބިލީސްތައް އެ އިބިލީހަކަށް ޖެހުނު ދިމާލަކުން ފިލާ ރައްކާވެއްޖެއެވެ.
ތެޅެމުން ފޮޅެމުންގޮސް ބަޣުދާދުގެ ރަށްބޭރުން އެންމެން ބައްދަލުވީމާ ބޮޑު އިބިލީސް
ބުންޏެވެ. "މީހުން ކިޔެވިޔަނުދޭށޭ ބުނަނީ އެހެންވެގެންނެވެ. އެކަހަލަ
މީހަކަށް އަހަރެމެންނަށް ބޭނުން ގޮތެއް ނެހެދޭނެއެވެ."
No comments:
Post a Comment