ޝާމްކަރާގެ ބުޝްރާގެ
ބާޒާރުމަތީގައި ސަލާންޖަހަން ހެދޭފުރައިގެ ޒުވާނަކު އުޅުނެވެ. އެ ބާޒާރަށް އަންނަ
މީސްމީހުންނަށް އާދޭސްކޮށްގެން ކާއެތިކޮޅު ހޯދައިގެން ކައިބޮއި އުޅެއެވެ. އަމިއްލަ
މަސައްކަތެއް ނުކުރަނީ
ކީއްވެތޯ މީހަކު އެހިއަސް ތިމަންގެ އަތުގައި އެފަދަ
ތަނަވަސްކަމެއް ނެތޭ ކިޔާފައި ފުއްދާލައެވެ.
އެއްދުވަހަކު މި
ބާޒާރަށް ވިޔަފާރިއާގެން އައި ސައުދާގަރެއް މި ޒުވާނާއަށް ފެނިއްޖެއެވެ. އެ
ސައުދާގަރުގެ ކިބައިން އެއްޗެއް ލިބޭނެކަމުގެ އުއްމީދުގައި މި ޒުވާނާ ސައުދާގަރު
އަންނަ މަގުމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ. ސައުދާގަރު އަރާ ހަމަވުމުން ސައުދާގަރު
ކައިރީގައި ތިމަންނާއަކީ ވަރަށް ބޮޑު ނިކަމެއްޗަކީމޭ ކާނޭ އެއްޗެއްވެސް ނެތޭ ކިޔާ
ވަރަށް އަދޭސްކޮށްފިއެވެ. ސައުދާގަރު ހިނިތުންވެލާފައި ސައުދާގަރުގެ
އެހީތެރިއަކަށް ފަހަތުން އައި މީހާގެ ކޮނޑުމަތީގައި ހުރި ބޮޑު ކޮތަޅެއް ބާލައި
އޭގެ ތުން މޮހާލިއެވެ. ޒުވާާނާ ބަލާލިއިރު އެ ކޮތަޅު ފުރިފައި ހުރީ ދީނާރުންނެވެ.
ސައުދާގަރު އެ ކޮތަޅުން އެންމެ ދެ ދީނާރު ނަގާފައި ޒުވާނާއަށް ދިނުމަށްފަހު
އެއްކަލަ މީހާގެ ކޮނޑަށް ކޮތަޅު ލައިގެން ހިގައްޖެއެވެ.
ސައުދާގަރު ދިއުމުން ޒުވާނާ ހިތައްއެރިއެވެ.
ހާދަހާވާ ދަހި ސައުދާގަރެކެވެ. އެންމެ ދެ ދީނާރުން ކިރިޔާ ދެ އިރު ބަނޑުފުރާނަމުއްތިކުރެވޭވަރު
ނޫނީ ނުވާނެއެވެ. މިހެން ހިތައި ހަމަ އެދުވަހު އެ ދެ ދީނާރަށް ކާތަކެތި ގަނެގެން
ކައިފިއެވެ.
އަނެއް ދުވަހު ހެނދުނު އަނެއްކާ
އެއްކަލަ ސައުދާގަރު އަންނަތަން ފެނިއްޖެއެވެ. ހަމަ ސައުދާގަރު ހަމަވާއިރަަށް
އެއްކަލަ ހާސަރުތައްދަމާ ފައިސާއަށް އެދެފިއެވެ. މި ދުވަހުވެސް ސައުދާގަރު ހަމަ
ކުރީ ދުވަހުހެން ހިނިތުންވެލާފައި އެއްކަލަ ކޮތަޅުން ދެ ދީނާރު ދީފިއެވެ. މި
ދުވަހުވެސް އެއްކަލަ ޒުވާނާ ވިސްނާނުލައި ދެ ދީނާރު ވިއްކާލައި ކާތަކެތި
ގަނެފިއެވެ. ތިންވަނަ ދުވަހުވެސް ކަންތައްތައް ހިނގީ ހަމަ އެފަދައިންނެވެ.
އެދުވަހުވެސް ޒުވާނާއަށް ފެނުނީ ސައުދާގަރަކީ މާ ދަހި މީހެއްގެ ގޮތުގައެވެ.
ހަތަރުވަނަ ދުވަހު ސައުދާގަރު
ހެވިލާފައި ދެ ދީނާރު ދިނުމުން ޒުވާނާ ވިސްނާލިއެވެ. "މި ސައުދާގަރު
ފަހަރެއްގައި ފުރައިގެން ހިގާދާނެއެވެ. ދެން މި ގޮތަށް ދެ ދީނާރުވެސް ލިބުން ވާނީ
ދަތިކަމަކަށެވެ." މިހެން ހިތައި އެދުވަހު ވިއްކާގެން ކެއީ އެންމެ ދީނާރެކެވެ.
އަނެއް ދީނާރު ފޮރުވީއެވެ. ނަމަވެސް ޖެހިގެން އައި ދުވަހުވެސް ސައުދާގަރު އަތުން
ދެ ދީނާރު އަތުލިއެވެ. މިހާރު ސައުދާގަރަކީ ދަހި މީހެއްކަމަށް ޒުވާނާއަކަށް
ޤަބޫލެއްނުކުރެވެއެވެ. މިގޮތަށް ހަތަރު ދުވަހު ސައުދާގަރު އަތުން ދެ ދީނާރު
އަތުލައި އެއް ދީނާރު ފޮރުވާ ރައްކާތެރިކުރިއެވެ. އަށްވަނައަށް ވިދުވަހު ހެދުނު
ސައުދާގަރަށް އިންތިޒާރުކޮށްކޮށްވެސް ނައެވެ. ދެން ޒުވާނާއަށް ވިސްނުނީ އެއީ އެއް
ހަފުތާއަށް ބުޝްރާގެ ބާޒާރަށް ވިޔަފާރިކަމު އައި ސައުދާގަރެއްކަމެވެ. ޒުވާނާ
ވިސްނާލިއެވެ. "އެކަމަކު މިއަދުވެސް ކާނެގޮތެއް ހަދަންވާނެތާއެވެ. ސައުދާގަރު
އަތުން އެންމެ ފަހު ހަތަރު ދުވަހު އަތުލެވުނު ހަތަރު ދީނާރު އެބަ އޮތެވެ.
ވިއްކާލާފިއްޔާ އަނެއްކާވެސް އަތްމަތި ދަތިވީއެވެ."
ކުއްލިއަކަށް އެ ޒުވާނާއަށް މާ
ރަގަޅު ޚިޔާލެއް އަތުވެއްޖެއެވެ. ދެން މި ހަތަރު ދީނާރު ހިފައިގެން ގޮސް ބާ
މުޅާގަނޑެއް ގަނެގެން ޖަންގައްޔާވީ ދިމާލަށް އެކަނި ހިގައްޖެއެވެ. ފުރަތަމަ
ދުވަސްކަމުން ހޮވުނީ އެންމެ ދަރުބޮނޑިއެކެވެ. ހަވީރުވާންވާއިރަށް ބާޒާރަށް އައިސް
ދަރުބޮނޑި ވިއްކާލުމުން ލިބުނީ އެންމެ ދެ ދީނާރެވެ. އެތަނުން އެއް ދީނާރު
ވިއްކާފައި ކާތަކެތި ގަނެގެން ކައިފިއެވެ. މިއަދު ކެވުނު ތަކެތިން ދުވަހަކުވެސް
ހިތްހަމަނުޖެހޭވަރަށް އޭނާ ހިތްހަމަޖެހުނެވެ. މިއީ އަމިއްލަ މަސައްކަތަކުން
ކައިބޮއިހެދި ފުރަތަމަ ފަހަރެވެ.
ޖެހިގެން އައި ދުވަހު ހެދުނާ
ޖަންގައްޔަށްގޮސް ތިންބޮނޑި ދަރު ނެރުނެވެ. އެދުވަހު ލިބުނު ފައިސާއިން ރަގަޅަށް
ކައިބޮއިހަދާފައި ހަތަރު ދީނާރު ފޮރުވިއެވެ. މި ގޮތަށް ކޮންމެ ދުވަހަކުވެސް މި
ޒުވާނާ ޖަންގައްޔަށް ވަދެ ކުނބުރާން ކޮށައިގެން ފައިސާ ހޯދަން ފަށައިފިއެވެ.
ލިބޭފައިސާގެ ބޮޑުބައި ފަހަށް ރައްކާކުރެއެވެ.
ދެ އަހަރުވަންދެން މިގޮތަށް ވަރަށް
ބުރަކޮށް މަސައްކަތްކުރުމަށްފަހު އެއްދުވަހު ޒުވާނާ ރައްކާކޮށްފައިހުރި ފައިސާ
ގުނާލިއިރު ކުޑަ ވިޔަފާރިއެއް ފެށޭވަރަށް ފައިސާހުއްޓެވެ. ދެން މި ފައިސާތަކަށް
ދޫލަޔާ ފޭރާމުގެ ބާވަތްތައް ގަނެ ކުޑަ ވިޔަފާރިއެއް ފަށާގަނެފިއެވެ. މިހާރު
އެއްކަލަ ޒުވާނާއަށް ފަހަށް ފައިސާ ރައްކާތެރިކުރުމަކީ ދާދި ފަސޭހަކަމެކެވެ. ވީމާ
މާ ގިނަ ދުވަސްތަކެއްވެސް ނުވަނީސް މީނާގެ ވިޔަފާރި ކުރިއަރައި ފިހާރަތައް
ގިނަވާންފަށައިފިއެވެ. ދިރިއުޅުމުންނާއި އުޅޭ ގެއިންވެސް މުއްސަދި ބޮޑު
ވިޔަވާރިވެރިއެކަން ދޭހަވާވަރުވެއެވެ. ނަމަވެސް މުރާލިކަމާއި ކެތްތެރިކަމާއި
ފަހަށް ރައްކާތެރިކުރުމުގެ ސިފަ އެއްގޮތަކަށްވެސް ދޫކޮށެއްނުލައެވެ.
ދުވަސްތަކެއް ވީއިރު މި ޒުވާނާއަކީ
ޝާމުކަރާގެ ބުޝްރާގެ ބާޒާރުގައި އުޅޭ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރެއިން
ސައުދާގަރަކަށް ވެއްޖެއެވެ. އެއްދުވަހަކު މި ޒުވާނާހުރި ފިހާރަޔާ ދިމާލަށް
ހަރުވައްތަރުޖަހާ މިހަކު އަންނަތަން ފެނިއްޖެއެވެ. ބޮލާއި ތުނބުޅި އެއްކޮށް
ނުރަވެފައިހުރިކަމުގައިވިއަސް އެއީ ކާކުކަން ވަގުތުން އެގިއްޖެއެވެ. އެއީ އޭނާއަށް
މީގެ ޒަމާންގަނޑެއްކުރިން ދެ ދީނާރު ދިން ސައުދާގަރެވެ. އެއްކަލަ ފައިސާކޮތަޅު
އުފުލާމީހާވެސް ފަހަތުން ހުރެ އާދެއެވެ.
މި ޒުވާނާ ވަރަށް ރަގަޅަށް އެ ސައުދާގަރަށް މެހުމާންދާރީކަން އަދާކުރިއެވެ.
އެތައް އިރެއްވަންދެން ވާހަކަދައްކަން އިނުމަށްފަހު ސައުދާގަރު ދަމުން
ސަލާންކޮށްލާފައި ދިއްކޮށްލީ ފަށުވި ފޮތީގެ އުރައެކެވެ. ސައުދާގަރު ދިއުމުން
ޒުވާނާ އެ އުރަ ހުޅުވާ ބަލާލިއިރު އޭގައި އޮތީ ދެ ދީނާރެވެ. ދެން އޮތީ
ގަނޑުކޮޅެކެވެ. އޭގައި ލިޔެފައި އޮތެވެ. "އަހަރެންދިން ދެ ދީނާރުގެ ނަޞޭޙަތް
މިހާރު ހުންނާނީ ވިސްނިފައެވެ. ދިރިއުޅުުމެއް ކާމިޔާބުކުރަން ބޭނުންނަމަ ދެންވެސް
ކެތްތެރިކަމާއި ފަހަށް ރައްކާކުރަން ދަސްކުރާށެވެ."
No comments:
Post a Comment