މިއަދު މިދިވެހިރާއްޖޭގެ
ކަނތައްތައް ހިނަގަމުން މިދަނީ އިހުނަށްވުރެ އެތަށް ގުނައެއް ރަނގަޅަށްބާއޭ މަގޭ
ހިތައް އަރައެވެ. ކަންކަން ރަނަގަޅުކުރުމަށްޓަކައި ރާއްޖޭން ލިބެންހުރި
ވަސީލަތްތަކާއި، ރާއްޖޭން ބޭރުން ވަސީލްތްތައް އެތެރެކޮށްގެން ބޮޑެތި ހަރުދަކެއް
ކޮށްގެން ކަންތައްތަކެއް ކުރެވިއްޖެއވެވެއެވެ. ރާއްޖޭގެ ޑިމޮކުރަސީ ދޮންކޮށް
ފައްކާ ކުރުމަށްޓަކައި ދަޢުލަތުގެ ތިންބާރު ވަކިކުރެވިފައިވާ އައު ޤާނޫނު އަސާސީއެއް އެކުލަވާލެވިއްޖެއެވެ.
މިނިވަންކަމާއެކު
ރައްޔިތުންގެ ހައްޤުތައް ފޯރުކޮށްދިނުމަށްޓަކައި މިނިވަން މުއައްސަސާތައް
އެކުލަވާލެވުނެވެ. ސިޓީ ކައުންސިލްތަކާއި ، އަތޮޅު ކައުންސިލްތަކާއި އަދި
ރަށުކައުންސިލްތައް ޤާނޫގައިވާ ގޮތަށް
އެކުލަވާލެވުނެވެ. ނަމަވެސް ރައްޔިތުންމަޖިލީހުން ފެށިގެން އެއްމެ ދަށް
ރަށުކައުންސިލަކަށް ބަލައިލި ކަމުގައިވިއަސް ފެންނަނީ އިހުގެ ބޯދާ އާދަކާދަތަށް
ކޮށްމެވެސް ވަރަކަށް އަށަގަންފައިވާ ތަނެވެ. އެކަންތައް އެގޮތަށް ވުމުގައި
ބައިވަރު ސަބަބުތަކެއް ހުރެދާނެކަން ކަށަވަރެވެ. ހަމަ އެއާއި އެކު ދިވެހިން
ދޮންކޮށް ފައްކާކުރި ޑިމޮކުރަސީ ދޮންވެ ފައްކާވެ ގަސްދަށަށް ވެއްޓުނު ދުވަހަކީ 7 ފެބުރުއަރީ 2012 ވީ އަންގާރަ ދުވަސް ކަމާމެދަކު އެއްވެސް ދިވެއްސަކު ސައްކުކުރާނެހެނެއް
ހިޔެއްނުވެއެވެ. މިކަންތައް މިގޮތަށް މެދުވެރި ވުމުގައިވެސް ސަބަބުތަކެއް
ހުނަނާނެކަން ކަށަވަރެވެ. ކޮށްމެ ސަބަބެއް ކޮށްމެ ގޮތަކަށް މެދުވެރިވި
ކަމުގައިވިއަސް މިއަދު މިކަންތައްތައް ހިގަމުން މިދާގޮތުން މަށަށް ސިފަވަނީ ތާރީޚުން އެގެން ހުރި
ކަންތައްތަކުގެ މައްޗަށް ބަލައި މީގެ 60ގެ އަހަރުތަކުގައި ކަންތައްތައް ހުންނަގޮތެވެ.
އަހަރެންގެ ކާފަ ކިޔައި ދީފައި ހުރި އެދުވަސްވަރުގެ ވާހަކަތަކާ މިހާރު މިކަންތައް މިދާގޮތް
ވަރަށް އެއްގޮތެވެ. އެދުވަސްވަރު ކަންތައް ހުންނަ ގޮތުން ކުދިކުދި ރަށްރަށުގައި އާބަދީ
މަދުކަމާއި ލިބެންހުންނަ ވަސީލަތްތައް މަދުކަމުން ދިރިއުޅުމަށް ކުރާނެ މާގިނަ މަސައްކަތްތަކެއް
ނުހުރެއެވެ. ހަމައެކެނި ކުރެވެން ހުންނަ ކަމަކީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. ކާފަ އަކީ މަސްވެރިކަން ކުރުމަށްޓަކާ ރަށުގައި ކުޑަ
އޮޑިއެއް ދުއްވާ މީހެކެވެ. އެދުވަސްވަރު ރަށުގައި ތިބޭ އެއްމެ ބާރުގަދަ މީހުންނަކީ
ކަތީބު ކުޑަކަތީބު ، މުދިންބެ އަދި އެދުރުގޭގައި ކިޔަވައިދޭން ހުންނަ އެދުރުބެ ނުވަތަ
އެދުރު ދައިތައެވެ. މިމީހުންނަށް ސަރުކާރުން ވަކި މުސާރައެއް ކަނޑަ އަޅާފައެއް ނޯވެއެވެ.
އެދުވަސްވަރު ސަރުކާރުން އަންގާފާ އޮންނަނީ އެމީހުންގެ މުސާރައިގެ ގޮތުގައި ރަށުން
މަހަށް ފުރާ ކޮށްމެ އޮޑިޔަކުން ބާނާ ފަންސާސް މަހަކުން އެއްމަސް މިއިން ކޮންމެ މީހަކަށް
ދިނުމަށެވެ. ހަމަ އެއާއި އެކު ރަށުގެ ކަތީބަށް
ލިބިފައިވާ ބާރުތަކުގެ ތެރޭގައި އޮޑިން މަހަށް ފުރޭނެ މީހުންގެ އަދަދު ކަނޑަ އެޅުމާއި
އޮޑީގެ ކެޔޮޅު އަންޔަން ކުރުން ހިމެނިގެންވެއެވެ.. އެގޮތުން ކެޔޮޅުންނާއި ފަޅުވެރިން
އޮޑިތަކަށް ލުމަށްފަހު ދެން ރަށުގައި ތިބި ފިރިހެނުންނަކީ ކަތީބު އަންގާ މަސައްކަތެއް
ކުރުމަށްޓަކައި ނުވަތަ ރަށުމަސައްކަތް ކުރުމަށްޓަކައި ރަށުގައި މަޑުކުރަން ޖެހޭނެ މީހުންނެވެ. އެމީހުންނަށް ދެވޭނެ އުޖޫރައަކީ ކާޑުގެއިން ބަނޑު
ހަނޑުލެވެ..އެދުވަސްވަރު އަހަރެންގެ ކާފަ އަކީ ކަތީބު އަންޔަން ކޮށްފައިވާ އޮޑިއެއްގެ
ކެޔޮޅެކެވެ. ކާފަގެ އޮޑިން މަހައް ދެވޭނެ ކަމަށް ކަތީބު ނިންމާފައިވާ އެއްމެ ގިނަ މީހުންގެ
އަދަދަކީ އަށެކެވެ. އާދައިގެ މަތިން ކަތީބާއި މުދިންބެ ފަތިސްނަމާދުން ފައިބައިގެން
މަސްއޮޑި އަތިރިއަށް އޮޑިފަހަރު މަހައް ފުރާ ނުފުރާ ބެލުމަށް ނިކުންނާނެއެވެ. އެއްދުވަހަކު
ކަތީބާ މުދިންބެ މިގޮތައް ނިކުން ނިކުތުމެއްގައި ކާފަގެ އޮޑިން އަށް މީހުންނަށްވުރެ
ގިނައިން މަހަށް ފުރަނިކޮށް މުދިންބެއަށް ފެނިއްޖެއެވެ. މިކަން މުދިންބެ ކަތީބަށް އަންގާލުމާއެކު
ކަތީބު ބޮލުގައި އަޅާފައިވާ ފޮށާނަގާ އަތުކޮޅަށް ހޫރަމުން ތުޑިމައްޗަށް ނިކުމެ ގޮޑުދޮށަށް
ފައިބައިފިއެވެ. މިގޮތަށް ކަތީބު އަމަލުކޮށްފިނަމަ ދެންޖެހޭނީ މަހައްފުރާ ހުރިހާ އޮޑިއެއް
ގޮޑުދޮށަށް ކައިކުރާށެވެ. އަދި ކަތީބުގެ ބަހަކީ ކޮބައިތޯ ބެލުމަށްޓަކައި މަޑުކުރާށެވެ.
އެގޮތުން ކާފަގެ އޮޑިވެސް ގޮޑުދޮށަށް ކައިރި ކޮށްފިއެވެ. އަދި އޮޑީގެ ކެޔޮޅު ފައިބައިގެން
އައުމަށް އެންގުމުން ކާފަ އޮޑިން ފައިބައިގެން ކަތީބުގެ އަރިހަށް އަތުވެއްޖެއެވެ. ކަތީބު
ކާފައާ ކުރި ފުރަތަމަ ސުވާލަކީ އޮޑިން މަހައްދާންޖެހޭ މީހުންގެ އަދަދަކީ ކޮބައިތޯ އާއި
އަދި މިއަދު އޮޑިން މަހަށް ތިދަނީ ކިތައްމީހުން ގޮވައިގެން ތޯއެވެ. ކާފަ ޖަވާބު ދިނީ
ވަރަށް އަދަބުވެރިކަމާއި އިހުތިރާމާއި މަޑުމައިތިރި ކަމާއި އެކުއެވެ. މިއަދު މަހައްމިދެވެނީ
ކަތީބު އަންގާފައިވާ އަދަދަށްވުރެ އިތުރަށް އެކަކު ގޮވައިގެންނެވެ. ހަމަވަގުތުން ކާފަގެ
އަތުން ކެޔޮޅުކަން ނެގުމަށްފަހު މުއްދަތެއް ނެތްގޮތައް ކަތީބު އަންގާލަންދެން މަހަށް
ނުގޮސް ގޭގައި މަޑުކުރުމަށް އެންގުނެވެ. އަދި އޮޑީގެ ކެޔޮޅުކަން އޮޑީގައި ހުރި އަހުމަދު
އިދުރީސް ކިޔާ މީހަކާ ހަވާލް ކުރެވުނެވެ. އެދުވަހު އޮޑި މަހައްފުރީ އަހުމަދު އިދުރީސްގެ
ކެޔޮޅު ކަމުގެ ދަށުގައެވެ. އާދައިގެ މަތިން އޮޑިތަށް މަހުން ލަފާ ގަޑިއަށް މުދިންބެ،
ކަތީބު އަދި އެދުރުބެ އޮޑިތަށް މަސްބަހާގޮތް ބެލުމަށާ އަދި އެމީހުންގެ މަސްބައި ހޯދުމަށްޓަކައި
މަސްއޮޑި އަތިރިއަށް އަންނާނެއެވެ. މިއަދު ކާފަގެ އޮޑިން މަސްބެހުމަށް މިހިރީ މީހުންގެ
މޫނަކަށް ކަނދުރާއަކަށް ނުބަލާ ކަންތައްތައް ނިންމަން ކެރޭ އަހުމަދު އިދުރީހެވެ. އަހުމަދު
އިދުރީސް މަސްބަހަމުން ދިޔައިރު ކޮށްމެ ފަންސާސް މަހަކުން ކަތީބަށާ ، މުދިންބެއަށާ އަދި އެދުރު
ބެއަށް ލަމުން ގެންދަނީ ހުރިހާ ބޮޑެތިމަހެއް ނެގުމަށްފަހު ހަލާކުވެ ކުނިވާން ކައިރި
ވެފައިވާ ކައިވަތެއް ހަމަނުވާވަރުގެ ރާގޮޑިއެކެވެ. މިމަންޒަރު ބަލަން ތިބޭކަށް އަދި
މިގޮތަށް ކެޔޮޅުކަން އަހުމަދު އިދުރީހާ ހަވާލްކޮށްގެން ހުންނާކަށް ކަތީބަކަށް ކެތެއްނުވިއެވެ.
ދެދުވަހެއް ފަހުން ކަތީބު ކާފަ ކާޑުގެއަށް ހާޒިރު ކޮށްފިއެވެ..އަދި މިކަން މިގޮތަށް
ހިނގާ ކަމަށާއި މިއީ ކަތީބާ މުދިންބެ އަދި އެދުރުބެ އެއްގޮތަކަށްވެސް ބޭނުންވާ ގޮތް
ނޫންކަމަށާއި ވީމާ ކުރިން ކާފައާއި ހަވާލްކުރެވިފައިވާ ކެޔޮޅުކަން ހަވާލްކޮށްފި ކަމުގައި
އެންގިއެވެ....އެހާރާއި މިހާރު ހަމައެކަނި ތަފާތަކީ ނަމާއި ލޭބަލް ބަދަލުވުމެވެ. ނަތީޖާއކީ ހަމައެއްޕުރޮޑަކްޓެކެވެ. އެދުވަހުވެސް
މިއަދުވެސް ހަމަ ކޮށްމެ ބަޔަކުވެސް މަސައްކަތް ކުރަމުން އެގެންދަނީ ތިމާގެ
އަންބޮނޑިން މަދުވި ނުވަތަ މަދުވާބައި ހޯދުމަށެވެ. މިލިޔުމަކީ ހަޤީގީ ހާދިސާއެއްގެ
މައްޗަށް ބިނާކޮށް ލިޔެވިފައިވާ ލިޔުމެކެވެ.
((ނިމުނީ))
No comments:
Post a Comment