Blogger Widgets

Thursday, September 20, 2012

މިއަދުގެ ދުނިޔޭގައި އެކި ސިފަސިފާގައި މިނިވަންކަމަށް ގޮވެމުންދާއިރު ޚިޔާލުފާޅުކުރުމުގެ ވައްޓަފާޅިއާއި ކަމުގެ ބާވަތާއި އެކަމުން ނުކުމެދާނެ ނަތީޖާއަށް ވިސްނާ ބެލުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ޚިޔާލުފާޅުކުރުމުގައި ހަރުދަނާ ވާނީ ކިނެއްތޯބެލުމަކީ މިނިވަން ދުނިޔެއެއްގައި ވަރަށް ވިސްނަންޖެހިފައިވާ ކަމެކެވެ.

މިއަދު އބުރުގެ ދަޢުވާ ކުރާ މީހުންގެ އަދަދު ގިނަވެއްޖެއެވެ. މި އަބުރުގެ ދައުވާ ގިނަ ފަހަރަށް މި އަންނަނީ ކޮންމެވެސް މީހެއްގެ ޚިޔާލުފާޅުކުރުމުގައި ހަރުދަނާކަން ނެތުމުގެ ސަބަބުންނެވެ. މިނިވަން މުޖުތަމަޢެއްގައި ހަރުދަނާކަމާއެކު ޚިޔާލުފާޅުކުރާނަމަ އެ ފާޅުކުރާ ޚިޔާލުގެ ސަބަބުން މީހެއްގެ މިނިވަންކަމަށް ނޫނީ މީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިގެން ނުވާނެއެވެ. ވިސްނުމަކާނުލާ ނުވަތަ ރުޅިވެރިކަމާއެކު މިގޮތަށް ދެކެވޭ ވާހަކައަކުން މީހެއްގެ މިނިވަންކަން ނުވަތަ މީހެއްގެ ޢަބުރަށް ހުތުރުވާނަމަ ލިބިފައިމިވާ މިނިވަންކަން ގެއްލި އެ ދަނީ ޚިޔާލުފާޅުކުރުމުގައި ހަރުދަނާކަން ނެތުމުގެ ސަބަބުންނެވެ.
                 ޚިޔާލު ފާޅުކުރުމުގައި ހަރުދަނާވުމަކީ ތިމާ ދައްކާ ވާހަކައަކާ ތިމާ ޒިންމާވާންޖެހޭ ބީދައިން އެ ވަހަކައެއްދެއްކުމެވެ. ވީއިރު ދެކެވޭ ވާޖހަކައެއްގެ ސަބަބުން ތަނެއް ނޫނީ ބައެއްގެ މަޞްލަޙަތު ގެއްލިގެން ގޮސްގެންވެސް ނުވާނެއެވެ. ނޫނީ އެ ދެކެވޭ ވާހަކައެއްގެ ސަބަބުން ބައެއްގެ މެދުގައި ދެކޮޅުވެރިކަން އުފެދިގެންވެސް ނުވާނެއެވެ. ވިސްނުމެއްނެތި ދެކެވޭ ވާހަކައެއްގެ ސަބަބުން މިފަދަ ދެކޮޅުވެެރިކަމެއް އުފެދިއްޖެނަމަ އެކަމުގެ ޒިންމާނަގަންޖެހޭނީ ކާކުތޯއެވެ. ކުޑަވެސް ޝައްކެއްނެތްގޮތުގައި އެފަދަ ވާހަކައެއް ދެއްކިމީހާ. އެ ފަސާދައެއް ކުރި މީހާ. ޒިންމާދާރު މީހެއްނަމަ އެމީހެއްގެ ދުލުގައި ލަގަންވާނީ އެޅުވިގެންނެވެ. ހިތަށް އާރާހާ ވާހައެއް ދުލުގެ ކުރިއަކަށް ނާންނާނެއެވެ. ވާހަކައެއް ދެއްކުމުގެ ކުރިން އެ ދައްކަންއުޅޭ ވާހަކައާމެދު ވިސްނާނެއެވެ.
                 މިކިޔާ ހަރުދަނާކަމުގެ ތެރޭގައި މީހުންގެ ކިބާގައި ހުންނަ ހަރުދަނާކަންވެސް މި ޚިޔާލު ފާޅުކުރުމުގެ ހަރުދަނާކަމުގެ ތެރެއަށް ވަދެގެން އާދެއެވެ.  ދަންނަވަންތޯއެވެ. ސޭކު މީހަކު ދައްކާ ވާހަކައެއް އެއްވެސް މީހަކު ޤަބޫލުކުރާނޭތޯއެވެ.  ނުކުރާނެކަން ކަށަވަރެވެ.  ސަބަބަކީ ސޭކުންނަކީ އަބަދުވެސް ތާކުންތާކު ނުޖެހޭ ވާހަކަދައްކާ ބައެކެވެ. ވީމާ ޚިޔާލުފާޅުކުރުމުގެ ހަރުދަނާކަމުގައި ހަރުދަނާ ވާހަކައެއް ދެއްކުމަކީވެސް ބޭނުންތެރިކަމެކެވެ. އަޅުގަނޑުމެންގެ ދީންވެސް އިރުޝާދުދެނީ ރަގަނޅު ވާހަކައެއް ނުދެއްކޭނަމަ ހަނުހުރުމށެވެ. ވީމާ މީހެއްގެ މޮޅުކަން ދައްކަން ފެންނަހާ މީހެއްގެ ކައިރީގައި ހުސްއަނގަތަޅަމުން ދުވާނަމަ އެފަދަ މީހަކީ އެއްވެސް އަގެއް ހުރި މީހެއްކަމުގައި އެއްވެސް މީހަކު ނުދެކޭނެއެވެ. އެންމެންވެސް ދެކޭނީ އެއީ އެންމެން މަޖާކުރަން ގެންގުޅޭ ޖޯކަރެއްކަމުގައެވެ. ތަނަކު ހުރި ރިހަގަނޑެއްކަމުގައެވެ.
               މިޒަމާނަކީ މިނިވަން މީޑިއާގެ ޒަމާނެވެ. މިފަދަ ޒަމާނެއްގައި ޚިޔާލުފާޅުކުރާއިރު ޒިއްމާދާރު ގޮތެއްގައި އެކަން ކުރުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. މިދެންނެވީ ޚިޔާލެއް ފާޅުކުރާއިރު ނޫނީ ޚަބަރެއް ފަތުރާއިރު އެ ދެކެވޭ ވާހަކައަކީ ޙަޤީޤަތާ އެއްގޮތަށް ދެކެވޭ ވާހަކައެއްކަމަށްވެސް ވާންޖެހޭނެއެވެ. ޝައްކެއްވެސްނެތް ގޮތުގައި ޙަޤީޤަތެއްނެތް ދޮގު ވާހަތައް ދައްކާ މީޑިއާގެ ޒަރީއާއިން އެކަން ފެތުރުމަކީ ހަރުދަނާކަމެއްނެތި ޚިޔާލުފާޅުކުރުމެވެ. އަދި ޒިންމާދާރުކަމެއްނެތި ޚިޔާލުފާޅުކުރުމެވެ. ހަޤީޤަތަކީ މިއީ ކަމުގައި ވީނަމަވެސް މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ މީޑިއާ ކޮންޓްރޯލްކުރާ ފަރާތްތަކުން އެމީހުންގެ މަޞްލަޙަތައް ބަލައިގެން މަޢުލޫމާތު ފަތުރަމުންދާތަނެވެ. ނިކަން ބައްލަވާށެވެ. މިއަދުގެ ހުޅަނގުގެ މީޑިއާއިން މުސްލިމުން ލޭބަލްކުރަނީ ޓެރަރިސްޓުންގެ ގޮތުގައެވެ. މިއީ ކިހާ ބޮޑު އޮޅުވާލުމެއްތޯއެވެ. ސެޕްޓެންބަރ 11 ގެ ޙަމަލާ މުސްލިމުންގެ ބޮލުގައި އެޅުވަމުންދާއިރު އޭގެ އަޑީގައި ތިބީ ޔަހޫދިނޭ ބުނަމުން އެދަނީ ހަމަ އެމީހުނނެވެ. އަޅުގަނޑުމެންގެ ކަންތައްތައް ހުރީވެސް ވަކި ސަހަލު ގޮތަކަށް ނޫނެވެ. ބަޔަކުން އިންޓަރނެޓް ވެބްސައިޓެއް ހަދާފިނަމަ އެ ބަޔަކު ނުރުހޭ މީހެކޭ ނޫނީ ބަޔެކޭ ކިޔާގެން ދޮގު ވާހަކަތައް އޭގައި ލިޔާނެއެވެ. މީހުންގެ އަގު ވައްޓާލުމަށް މަސައްކަތްކުރާނެއެވެ. ވީއިރު ޚިޔާލުފާޅުކުރުމާއި ޚަބަރު ފެތުރުމުގައި ދޮގުހެދުމާއި ފޮނިތޮށި ކާފޫރުތޮޅި ލައިގެން އޮޅުވާލުމަކީ އެކަމުގައި ހަރުދަނާކަމެއް ނެތމެވެ.
                   މިއަދުގެ މުޖުތަމަޢުތައް ބައްޓަންކުރެވެމުން އަންނަނީ މީޑިއާއާއި އެ މުޖުތަމަޢުގެ ތެރޭގައި ފާޅުކުރެވޭ ޚިޔާލުގެ މައްޗަށް ބުރަވެގެންނެވެ. ވީއިރު ޚިޔާލުފާޅުކުރުމުގައި ހަރުދަނާނުވެއްޖެނަމަ މުޖުތަމަޢުގައި ޤާއިމްވެފައިވާ ހަރުދަނާ ނިޒާމު ރޫޅިގެން ހިގާދާނެއެވެ. ފަޅުކުރެވޭ ޚިޔާލެއްގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި ބޮޑު އަރާރުންގަނޑެއް ފެށިދާނެއެވެ. ވިސްނާލުމެއްނެތި ޓީވީން ދައްކާލެވޭ މަންޒަރަކުން ފިހާރަތައް ބަންދުކޮށް ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް އައިސް ތަންތަނުގައި ހުޅުޖަހަން ފަށައިދާނެއެވެ. ރޭޑިއޯއިން ދެކެވޭ ވާހަކައެއްގެ ސަބަބުން ބައިބާވުން އުފެދިދާނެއެވެ. އަޅުގަޑނޑުމެން ހުރިހައި އެންމެން ދަންނަގޮތުގައި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން މިއަދު ދުނިޔެ މިވަނީ ވަށް ކުނބުރެއްވަރަށް ކުޑަވެފައެވެ. މިއަދު ފާޅުކުރެވޭ ޚިޔާލެއްގެ ފޯރާނީ ހަމައެކަނި ކައިރީގައިވާ ކަންފަތްތަކަށާއި ލޯތަކަށް އެކަންޏެއްނޫނެވެ. މިހާރު މަދު ސިކުންތުކޮޅެއްގެ ތެރޭގައި ދުނިޔޭގެ އަނެއް ފަރާތުގައި އުޅޭ ކަންފަތްތަކާއި ލޯތަކަށްވެސް ހަމަ އެ ޚިޔާލު ފޯރާނެއެވެ. ވީމާ ޚިޔާލުފާޅުކުރެއްވުމުގައި ހަރުދަނާވެލައްވާށެވެ. އެހެން ނޫންނަމަ އޭގެ ސަބަބުން ޤަޢުމުގެ އިޤްތިސޯދު އިނދަޖެހި ، އެއްބައިވަންތަކަންގެއްލި ، ޤައުމުގެ ތަރައްގީގެ ސޯބުތައް ނުވަތަށް އެބުރެން ފަށައިދާނެއެވެ.

No comments:

Post a Comment